ވެރިކަން ކުރާ ޕާޓީ, ޕީއެންސީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އީދަށް ވީއިރުގައި މަސްވެރިންނަށް ނުދެއްކި ހުރި ފައިސާގެ އަދަދަކީ 90 އެތައް މިލިއަން ރުފިޔާއެއް ކަމަށްވާއިރު, އީދު ބަންދުގެ ކުރިން އެ ފައިސާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައި "ބަތްކައްކާ" ކުޅޭކަށް ނޫން ކަމަށާއި މި ސަރުކާރުން ވެރިކަމާއި ހަވާލުވީ، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެއްސުމަށްޓަކައި ކަމަށެވެ.
ކުރީ ސަރުކާރުގެ ބައެއްކަންކަން ހިއްސާ ކުރައްވަމުން ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު "ކަޅުބިލަ" މަހުގެ ކިލޯއެއް ހުރި 16 ރުފިޔާއަށް ކަމަށާއި ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހަބަށް އަހަރެއް ވެފައިވަނިކޮށް މަސް ކިލޯއެއްގެ އަގު 17 ރުފިޔާއަށް ހެދި ކަމަށެވެ.
މުދަލަށް ގެއްލުންދީ, ރައްޔިތުންތަކެއްގެ ހައްގުތަކަށް އަރައިގަންނަ ހިސާބުން, މަސްވެރިން ކަމުގައި ވިޔަސް އަދި އެހެން ބައެއް ކަމަށް ވިޔަސް އެ ފުރުސަތު ނުދެއްވާނެކަަމަށާއި މި ގައުމުގައި ގާނޫނު ތަންފީޒު ކުރެވޭކަން ޔަގީންކުރަން ރައީސް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސްވެރިންނަށް ޝިޔާމް އިލްތިމާސްކުރެއްވީ އިހުތިޖާޖު ހުއްޓާލައި, ދުވަސްތައް ބޭކާރު ނުކޮށް, މަހަށް ނިކުތުމަށެވެ.
މިނިސްޓަރު ވިދާޅުވީ, މަސް ފެކްޓަރީގައި, މަސް ރައްކާ ކޮށްފައި ހުރި 300 ޓަނުގެ ކޮންޓެއިނާ އާއި އެތަނުގައި ތިބި 40 ހަކަށް ރަށުން ބޭރުގެ މުވައްޒަފުން ނިދާ ކައިބޮއި ހަދާތަނުން ކަރަންޓު ކަނޑައިލުމަކީ އިހުތިޖާޖު ކުރުން ނޫން ކަމަށެވެ.
އަދި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ފެނި، މަސްވެރިންނަށް އުފާވެރި ދުވަސްތަކެއް އަންނާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު, އެ ރަސްމިއްޔާތުގައި ވާހަކަދެއްކެވި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ މަސްވެރިންގެ އިހުތިޖާޖު ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ މަސްވެރިނަށް ފާޑު ވިދާޅުވެފަ އެވެ.
މިފްކޯއަށް މަސްވެރިން ކިރާ މަހަށް ފައިސާ ނުދައްކާތާ ދެ ތިން މަސް ވެފައިވާ ކަމަށް ބުނެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގައި ސިލްސިލާ މުޒާހަރާތަކެއް މަސްވެރިން އަންނަނީ ކުރަމުންނެވެ. މިއަދު ވެސް އެ މުޒާހަރާތައް ކޮށްފައިވާއިރު، މަސްވެރިންގެ ޑިމާންޑްތަކުގެ ސަބަބުން ތަނަށް ލިބިދާނެ ގެއްލުމަކަށް ބަލައި އޭއެފްސީގެ އޮޕަރޭޝަންތައް ވެސް އިއްޔެ އިން ފެށިގެން ވަނީ މެދުކަނޑާލާފަ އެވެ.