
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން އެހެން ގޮތެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމަށް އަލި މަގެއް ވެސް ލިބިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މި ފަހުން ވަނީ ވިދާޅުވެފަ އެވެ.
މި މަޝްރޫއު ކުރިއަށް ގެންދަން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މި އަހަރަށް ލަފާކުރި ބަޖެޓުގައި ރަސްމާލެ މަޝްރޫއަށް ހިމަނަން އެދުނު ފައިސާ އުނިކުރުން ކަމަށާއި ބަޖެޓުގައި ނެތުމުން އިތުރު ގޮތަކަށް އެ މަސައްކަތް ކުރިއަށް ގެންދަން ޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޕީއެންސީގެ ހަރުގެ ހުޅުވަން ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލޭގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އަލުން ފެށޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންނަ މަހު އެ މަޝްރޫއު ފަށައި އަންނަ ޑިސެމްބަރުގެ ނިޔަލަށް 1،100 ހެކްޓަރުގެ ބިން ހިއްކައި ނިމޭނެ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަސްމާލޭގެ މަޝްރޫއު އެގޮތަށް ކުރިއަށް ދާއިރު ގުޅިފަޅާއި ގިރާވަރު ފަޅު އަދި ހުޅުމާލޭގެ ފޭސް ތިނެއް ހިއްކުުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ އެެވެ.
"ރަސްމާލެ"ގެ ނަމުގައި ފުށިދިއްގަރުފަޅު ތަރައްގީކުރަން ނިންމައި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ގުޅިގެން އެ ތަން ހިއްކަން ފެށީ 18 ޑިސެމްބަރުގަ އެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު ރައީސް މުއިއްޒު އިފްތިތާހުކޮށްދެއްވަނީ: ވިދާޅުވީ ފުށިދިއްގަރު ފަޅު ތަރައްގީ ކުރާނީ ޒީރޯ ކާބަން ސިޓީއެއް ގޮތުގައި ކަމަށް - ފޮޓޯ:ރައީސް އޮފީސް
ކ. ގުޅީ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި މަސައްކަތް ތާވަލާ އެއްގޮތަށް ދާ ނަމަ، އަށް މަސް ތެރޭ ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ކުރިން ވިދާޅުވެފަ އެވެ. އަދި މާލެއިން ފުރައިގެން 17 ވަރަކަށް މިނެޓުން ދެވޭ ރަސްމާލެ އާއި މާލެ ގުޅާލާނީ ކަނޑުއަޑީގެ ޓަނަލް އަކުން ކަމަށް ވެސް ރައީސް މުހައްމަދު މުއިއްޒު މިފަހުން ވަނީ ވިދާޅުވެފަ އެވެ.