މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނަށް ދައުވަތު ދީފައި ވިނަމަވެސް، މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުގެ ބަލި ހާލަތު ހުރި ގޮތުން ބައްދަލުވުމަށް ހާޒިރުވެ ވަޑައިގަތުމަށް އުޒުވެރިވާކަން ވަނީ އަންގަވާފަ އެވެ. މާލިއްޔަތު ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ބައްދަލުވުން ފައްޓަވަމުން ވިދާޅުވެފައި ވަނީ މިއަދުގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ކޮމިޓީން ފިނޭންސް މިނިސްޓަރަށް ލިޔެގެން ހޯދި ރާއްޖޭގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހިމެނޭ ސިޓީގައި ހުރި ކަންކަމާ މަޝްވަރާ ކުރުން ކަމަށެވެ.
މީގެ ކުރިން ފިނޭންސް މިނިސްޓަރު ކޮމިޓީއަށް މައުލޫމާތު ހިއްސާކުރަން އެދިވަޑައިގެންފައި ވަނީ ސިއްރުކޮށްގެން ކަމަށްވާއިރު، މިއަދުގެ ބައްދަލުވުމަށް މިނިސްޓަރު ފޮނުއްވި ސިޓީގައި ވެސް އެގޮތަށް އެދިވަޑައިގެންފައި ވުމާ އެކު ބައްދަލުވުން ސިއްރު ކުރުމަށް މަޖިލިހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހެޅުއްވި އެވެ. އޭނާގެ ހުށަހެޅުއްވުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތާއިދުކުރެއްވި އެވެ. ކޮމިޓީގައި ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ހަތް މެންބަރުންގެ ތާއީދާ އެކު ބައްދަލުވުން ވަނީ ސިއްރުކުރަން ނިންމާފަ އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ މި ބައްދަލުވުމަކީ މިދިޔަ އީދު ބަންދުގެ ކުރިން ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމްގެ އިސްނެންގެވުމާ އެކު ރާއްޖޭގެ އިގުތިސާދީ ހާލަތު ދެނެގަތުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އެ ދުވަހު ނާޒިމް ވިދާޅުވެފައި ވަނީ ރާއްޖޭގެ މާލީ ހާލަތު އެނގެން ވީހާ ވެސް އަވަހަކަށް ފިނޭންސް މިނިސްޓްރީ އާއެކު ބައްދަލުވުމެއް ބާއްވަން ޖެހޭ ކަމަށެވެ. އިގުތިސޯދު އޮތް ގޮތް ހޯދަން ވެއްޖެ ކަމަށާއި އެގޮތަށް ބަލާއިރު ރަނގަޅަށް އިގުތިސޯދު އޮތް ނަމަ ކިތަންމެހާ ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ އުންމީދުތައް ބިނާ ވަނީ ސަރުކާރުން ދައްކާ ވާހަކަތަކުގެ މައްޗަށް ކަމުގަ އެވެ. ގައުމުގެ އަސްލު މަންޒަރު ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށާއި ރައްޔިތުންގެ ކައިރީގައި ހަގީގަތާ ކުރިމަތިލުމަށް ބުނަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. ރާއްޖޭގެ އިގުތިސޯދު ބަނގުރޫޓު ނުވެ ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ހޯދުމަށް އިގުތިސޯދީ ހާލަތު އޮތް ގޮތުގެ ތަސައްވަރެއް ބޭނުންވާ ކަމަށާއި އިގުތިސޯދީ ގޮތުން ހާލަތު ގޯސްވެ، ހިތި ބޭސް ސިޓީއެއް އޮތް ނަމަ އެ މައުލޫމާތުގެ ހަގީގަތް ވެސް ރައްޔިތުންނަށް ބުނެދޭން ޖެހޭކަން އޭނާ އެ ދުވަހު ފާހަގަކުރެއްވި އެވެ.