މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނަށް ދައުވަތު ދީފައި ވިނަމަވެސް، މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުގެ ބަލި ހާލަތު ހުރި ގޮތުން ބައްދަލުވުމަށް ހާޒިރުވެ ވަޑައިގަތުމަށް އުޒުވެރިވާކަން ވަނީ އަންގަވާފަ އެވެ. އެހެންވެ، ކޮމިޓީއަށް އެޖެންޑާކޮށްފައި ވަނީ ކޮމިޓީން ފިނޭންސް މިނިސްޓަރަށް ލިޔެގެން ހޯދި ރާއްޖޭގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހިމެނޭ ސިޓީގައި ހުރި ކަންކަމާ މަޝްވަރާ ކުރުމެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މާލީ ހާލަތު ދެނެގަންނަން ކުރާ މަސައްކަތް ފުރިހަމަ ވާނީ ގަވަރުނަރާއި އޮޑިޓާ ޖެނެރަލް ހާޒިރުކުރެވިގެން ކަމަށެވެ. އެކަން ކުރުމަށް ނާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ތާއިދުކުރައްވާފަ އެވެ.
މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި އެޖެންޑާގައި އޮޑިޓް އޮފީހުން ބައެއް ކަންކަމުގެ މައުލޫމާތު ސާފުކުރުން ހިމަނާފައިވެ އެވެ.
މި ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު ފޮނުއްވި ސިޓީގައި ކޮމިޓީއަށް މައުލޫމާތު ހިއްސާކުރަން އެދިވަޑައިގެންފައި ވަނީ ސިއްރުކޮށްގެން ކަމަށްވާތީ ބައްދަލުވުން ސިއްރު ކުރުމަށް މަޖިލިހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހެޅުއްވި އެވެ. އޭނާގެ ހުށަހެޅުއްވުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތާއިދުކުރެއްވި އެވެ. ކޮމިޓީގައި ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ހަތް މެންބަރުންގެ ތާއީދާ އެކު ބައްދަލުވުން ވަނީ ސިއްރުކުރަން ނިންމާފަ އެވެ.