ads
އަމީރުގެ ސުވާލެއް ރައީސަށް، 13ބިިލިއަން އެއީ ހުސް ކުރީ ސަރުކާރުގެ ދަރަނިތޯ؟
މިސާރުކާރުން 13 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި މިހާތަނަށް ދައްކާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން އެއީ ހުސް ކުރީ ސަރުކާރުގެ ދަރަނިތޯ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސުވާލު އުފައްދަވައިފިއެވެ.
Advertisement

ރޭ ޕީއެންސީގެ އާ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިސަރުކާރު ވެރިކަމާއި ހަވާލުވިތާ 7 މަސް ދުވަސްވެފައިވާއިރު، އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް، އާމްދަނީ ހޯދައިގެން އެކި ފަރާތްތަކަށް ދައްކަން އޮތް 13 ބިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފައިވާކަމަށެވެ. 

މި ވާހަކަތަކަށް ރައްދުދެއްވާ މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ މިހާތަނަށް ބަޖެޓުން ހަރަދުކޮށްފައިވަނީ 18 ބިލިއަން ރުފިޔާކަމަށެވެ. އެއިން މުސާރަ އަށް ހަރަދު ކޮށްފައިވަނީ 5 ބިލިއަން ރުފިޔާކަމަށާއި ބާކީ އޮތް 13 ބިިލިއަން ރުފިޔާ އެއީ ހުސް ކުރީ ސަރުކާރުގެ "ދަރަނި" ތޯ އަމީރު ވަނީ ސުވާލު އުފައްދަވާފައެވެ. 

" މި ސަރުކާރުން އޮފީސްވެސް ނުހުޅުވަނީތޯ ޑްރޯންވެސް ނުގަންނަނީތޯ؟. ރައީސް އާއި ކެބިނެޓް ވަޒީރުން ދަތުރުވެސް ނުކުރައްވަނީތޯ؟. " އަމީރު ސުވާލުކުރައްވާފައިވެއެވެ.

 އަމީރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ހަރަދަށް އެކަނިވެސް 200 މިލިއަން އިތުރަށް ހަރަދުކޮށްފައިވާކަމަށެވެ. މުސާރަ އާއި ދަައުލަތުގެ ހިންގުމުގެ ހަރަދަށް އެކަނި 600 މިލިއަން ރުފިޔާ އިތުރުވެއްޖެކަމަށާއި 700ގައި ހުރި ސިޔާސީ މަޤާމްތައް މިހާރު ހުރީ 2000 އަށް ވުރެ މަތީގައިކަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ. 

ރައީސް މުއިއްޒު ރޭ ވިދާޅުވީ މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް 7 ބިލިއަން ރުފިޔާ ދައްކާފައިވާނެ ކަމަށެވެ.

"މިވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މި އޮތީ ދައްކާފައި. މި ހަގީގަތް ފޮރުވަން [އިދިކޮޅު] ބޭފުޅުން އެ މަސައްކަތް ކުރައްވަނީ. އަޅުގަނޑުމެން ވާހަކަ ދައްކާނީ ތެދުބަހުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 2.7 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބޭރަށް ދައްކަން ޖެހޭ އެއްވެސް ލޯނެއް ތާރީހަށް ނުދެއްކި ނޯންނާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

މިއީ މިދިޔަ ހަތް މަސް ދުވަހު ސަރުކާރުން ހޯއދި ބޮޑު ކާމިޔާބެއް ކަމަށާއި ވާދަވެރި ފަރާތްތަކުން މިހާރު މަސައްކަތްކުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރައިގެން ސަރުކާރުން ހޯދަމުންދާ އިގުތިސޯދީ ކާމިޔާބީތައް ފޮރުވަންކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް