މީގެ އަށް މަސް ކުރިން ގާޒާގައި ޔަހޫދީ ފައުޖުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 37551އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 25000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެ އެވެ.
ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާންމުންނަށް އެހީ ފޯރުކޮށްދޭން ކޮންމެ ދުވަހަކު ވަކި ވަގުތުތަކެއްގައި އިޒްރޭލުން ހަމަލާތައް މެދުކަނޑާލާ ކަމަށް ބުނަމުން ދިޔަ ނަމަވެސް ޑަބްލިޔުއެޗްއޯ އިން ބުނި ގޮތުގައި މިކަމުގެ ސަބަބުން މާ ބޮޑު ރައްކާތެރިކަމެއް ނުލިބެ އެވެ. އަދި އެހީގެ މަސައްކަތަށް ފަސޭހައެއް ވެސް ނުވެ އެވެ.
އިޒްރޭލުގެ މަދަދުވެރިޔާ އެމެރިކާއިން ވަނީ ހަމާސް އަދި އިޒްރޭލަށް ހަނގުރާމަ އެއްކޮށް ހުއްޓާލައި، ގާޒާ އާއި އިޒްރޭލުގައި ރަހީނުކޮށްފައި ތިބި މީހުންނަށް އަނބުރާ ގައުމަށް ދެވޭނެ އެއްބަސްވުމެއް ހުށަހަޅާފަ އެވެ.
އެ އެއްބަސްވުން ހަމާސްއިން ބަލައިގަތް ނަމަވެސް، އިޒްރޭލުން ވަނީ އެ އެއްބަސްވުން ބަލައިގަންނަން ދެކޮޅު ހަދާފަ އެވެ.
ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން އެންމެ ވަރުގަދަޔަށް ހަމަލާދިން ގާޒާގެ ދެކުނުގައި އޮންނަ ރަފަހްއަށް ދެމުންގެންދާ އަސްކަރީ ހަމަލާތައް ގާތްގަޑަކަށް ނިމުމަކަށް އައިސްފައިވާ ކަމަށް ނަތަންޔާހޫ އިއްޔެ ވަނީ ބުނެފަ އެވެ.
ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އިޒްރޭލުގައި އެތައް ހާސް ބަޔަކު އިހުތިޖާޖު ކުރަމުން އަންނައިރު، އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުން އަންނަނީ ގާޒާގައި ތިބި އަސީރުން މިނިވަން ކުރުމަށް އެއްބަސްވުމަށެވެ.
ޖަވާބުގައި ނަތަންޔާހޫ އަސީރުން މިނިވަން ކުރުމަށް މަގުފަހިވާނެ ފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިދާނެ ކަމަށާއި ނަމަވެސް ހަނގުރާމަ މުޅިން ހުއްޓައިނުލާނެ ކަމަށެވެ.
ގާޒާގައި ހިންގަމުންދާ ހަނގުރާމައި ގައި ކުރި ހޯދުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުރަސްއަޅަމުން އަންނަ ކަމަށް ބުނެ އިޒްރޭލުގެ ހަނގުރާމައާ ބެހޭ ކެބިނެޓުގެ ވަޒީރު ބެނީ ގަންޓްޒް މިފަހުން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްރާއީލުގެ ކުރީގެ ޖެނެރަލް އަދި ދިފާއީ ވަޒީރުކަންވެސް ކުރައްވަފައިވާ ގަންޓްޒް އާއި ނަތަންޔާހޫއާ ހިޔާލު ތަފާތުވީ ހަނގުރާމައިގެ ފަހުން ދެން އެކުލަވާލާ ޕްލޭނާ ގުޅިގެން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެ އެވެ.
މި ހަނގުރާމައިގައި ގާޒާގެ 2.4 މިލިއަން އާބާދީގެ ތެރެއިން 1.9 މިލިއަން މީހުން ގެދޮރު ގެއްލި، ވަގުތީ ޓެންޓެއްގައި ދިރިއުޅެމުންދާ ކަމަށް އދ އިން ލަފާކުރެއެވެ. ހަމަލާތަކުގައި ގާޒާގެ މަގުތަކާއި އިމާރާތްތައް ވަނީ ސުންނާފަތިވެފަ އެވެ.