އެޗްޑީސީ އިން ބުނީ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށިއިރު އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ބައެއް އުޅަނދުތައް މިހާތަނަށްވެސް ނަގާފައި ނުވާތީ، މި މަސައްކަތް ކުރިއަށް ގެންދަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 23 ހެކްޓަރުގެ ބިން ހިއްކާފަ އެވެ. އެއަށްފަހު އެ މަޝްރޫއުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލީ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާ ކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާއްމު އިއުލާނަކުން އޭރު އެންގުމާ ގުޅިގެންނެވެ.
މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އީޕީއޭގެ ހުއްދަ އަލުން ލިބުމާއެކު ތިންވަނަ ފިޔަވަހިން ބާކީ 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށީ މިއަދު ހަވީރު އެވެ.
ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާ ހުދުވަމުންދާތީވެ، ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އީޕީއޭއިން އެންގި އެންގުމާ ގުޅިގެން ބިން ހިއްކުން ހުއްޓާލަން ވެސް އެންގި އެވެ. އެ އެންގުން މިހާރު އުވާލާފާވާއިރު، ހުއްޓާލާފައިވާ ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކުގެ މަސައްކަތް އަލުން ފަށަން ކުންފުނިތަކުން އަންނަނީ ތައްޔާރުވަމުންނެވެ.
ހުޅުމާލެ ތިނެއް ހިއްކުމުގެ މަސައްކަތް
ހުޅުމާލެ ތިނަކުން ހިއްކަން ނިންމާފައިވާ 63 ހެކްޓަރުގެ ބިމުގެ ތެރެއިން 15 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފަ އެވެ. ފުރަތަމަ ބައިގެ ގޮތުގައި 10 ހެކްޓަރުގެ ބިން ހިއްކާ ނިމުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
އެ މަސައްކަތް ކުރީގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ މިހާރު ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް ހިންގާ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އެވެ.
އެޗްޑީސީން އެ ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 259.2 މިިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ ޖުމްލަ އަގު އަދާކުރަނީ ހުޅުމާލޭގެ 10 ހެކްޓަރުގެ ބިމާއި ތިލަފުށިން ހިއްކާ 9.8 ހެކްޓަރުގެ ބިން ވިއްކައިގެން ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ.
އަދި ބިން ހިއްކުމުގެ އިތުރުން ރިވެޓްމެންޓް ޖެހުމާއި ހުޅުމާލެ ތިނެއްގެ މަގުތަށް ހެދުމާއި ފާލަން ހެދުމާއި ޖެޓީ ހެދުން ވެސް މި މަޝްރޫއުގެ ދަށުން އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.