"އެކްސް" ކުރެއްވި ޕޯސްޓެއްގައި އަމީން ދެންމެ ވިދާޅުވީ 2024 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ސީމަނުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ސީމަނުންނަން އަރިސްކުރާ ކަމަށެވެ.
އަދި ވިދާޅުވީ އައި.އެލް.އޯ ގެ ކޮންވެންޝަންގައި ބަޔާންކުރާ މިންގަނޑަށް ފެތޭ، "ސީފެއަރަރސް އައިޑެންޓީޓީ ޑޮކިއުމެންޓް" (ސިޑް)، ގެ އިންތިޒާރުގައި ތިބި އެތައް ދިވެހި ސީމަނުންގެ 7 އަހަރަށްވުރެ ދިގު އިންތިޒާރަށް ނިމުން ގެނެސް، މިއަދުން ފެށިގެން ސިޑް ދޫކުރަން ފެށިކަން އުފަލާއެކު އިއުލާން ކުރާކަމަށެވެ.
ބައިނަލްއަގްވާމީ ސީފެއަރަރ ދުވަސް ފާހަގަކުރުމަށް މިރޭ ވަނީ ގިނަ ސީމަނުންނާއިއެކު ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވެސް ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ބޯޓު ދަތުރުކުރާ މީހުންނަށް މި ވޭތުވެދިޔަ އަހަރުތަކުގައި ދިމާވި މައްސަލަތަކާއެކު ބައެއް މީހުންގެ ވަޒީފާތައްވެސް ގެއްލުނުކަމަށެވެ. އަދި އަލަށް މި ދާއިރާއަށް ނިކުންނަން ބޭނުންވި މީހުންނަށްވެސް ގޮންޖެހުންތައް ކުރިމަތިވިކަމަށެވެ. ނަމަވެސް މިހާރު ބޯޓުދަތުރުކުރުމުގެ ދާއިރާއަށް ނިކުންނަށް ބޭނުންވާ މީހުންނަށް ފަހި ފުރުސަތެއް ހުޅުވާލެވިފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި، ސީމަނުން ހުށައެޅި އެންމެ މުހިންމު ކަމަކީ އެމީހުންގެ އައިއެލްއޯ އައިޑީ ކާޑް ލިބޭނެ ގޮތް ރާއްޖެއިން ހަމަޖައްސައިދިނުން ކަމަށެވެ. މިކާޑު ނެތުމުގެ ސަބަބުން ބޯޓު ދަތުރުކުރާ ބައެއް ގައުމުތަކުގައި އިދާރީ ގިނަ ދަތިތަކެއް އެމީހުންނަށް ކުރިމަތިވާކަމަށެވެ.