މިފްކޯއަށް މަސްވެރިން ކިރާ މަހަށް ލިބެންޖެހޭ ފައިސާ ވަގުތުން ވަގުތަށް ހަމަޖައްސައިދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ޒިޔާދު ވިދާޅުވީ ސަރުކާރުން، ފައިސާ މަސްވެރިންނަށް ދެވޭނީ މަހަކު އެއް ފަހަރު ކަމަށް ވިދާޅުވެއްޖެނަމަ މަސްވެރިން އެކަން ގަބޫލު ކުރާނެކަމަށާއި މަސްވެރިން ނިކުމެ މުޒާހަރާ ކުރަނީ ވައުދެއް ވަކިގޮތަކަށްވެފަ އޮތީމަ ކަމަށެވެ.
އިއްޔެ ބޮޑު ކަންނެލި މަސްވެރިން މުޒާހަރާކޮށް މިއަދު އައްޑޫގެ މަސްވެރިންނަށް ބޭނި މަސްކޮޅުގެ ފައިސާ ހޯދަން މުޒާހަރާއަށް ނިކުތީމަ ސަރުކާރުން ރައްޔިތުން ފާހަގުރަނީ އެމްޑީޕީ އެކްޓިވިސްޓުންގެ ގޮތުގައިކަމަށް ޒިޔާދު ވިދާޅުވި އެވެ.
ފެބްރުއަރީ މަހުގަ އެ އަގުގަ އެ އަދަދަށް އެ ވައުދު ނުފުއްދޭންޏާ ބަދަލުގެންނަން ޖެހޭކަމަށާއި ދިރާސާކޮށް، މިފްކޯއަށް ލިބޭ އާމްދަނީ ބަލާ އަދި ދައުލަތުގެ އާމްދަނީވެސް ބަލަންޖެހޭކަަމަށް ޒިޔާދު ވިދާޅުވި އެވެ. މަހުގެ އަގަގީ 20 ރުފިޔާ ކަމަށް ނިންމެވީމަ މަސްވެރިން އެކަން ގަބޫލު ވެސް ކުރިކަމަށް ޒިޔާދު ވިދާލުވި އެވެ. އަދި 48 ގަޑީރުތެރޭ ދެއްވާނެކަަމަށް ވިދާޅުވެ އެއީ ރިޔާސީ ވައުދެއް ކަމަށް ފާހަގަކޮށް ޒިޔާދު ވިދާޅުވީ މިހާރުުވެސް ސަރުކާރަށް ކުރިން ހާމަކުރި ގޮތް ކެންސަލްކޮށް އާ ބަދަލުގެނައުމުގެ ފުރުސަތު އެބައޮތަކަމަށާއި އެއީ މި ސަރުކާރަށް ކުރަން އާވެސް ކަމެއް ނޫންކަމަށެވެ.
މިފްކޯއިން މަސްވެރިންނަށް ފައިސާ ނުދީ ގިނަ ދުވަސްވެ، މަސްވެރިން އަންނަނީ ހުކުރު ދުވަހުން ފެށިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގައި އިހުތިޖާޖުކުރަމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ ފަރާތުން މަސްވެރިންގެ ކަންބޮޑުވުންތައް ފާހަގަކޮށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއެވެ. ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ވެސް ވޯޓާ އެކު ޖުމުލަ 74 ވޯޓުން އެ މައްސަލަ ވަނީ މަޖިލީހުގެ ތަޅުމަށް ބަލައިގެންފައެވެ.
އަހުމަދު ދީދީ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރާނެ ކަމަށް ސަރުކާރުން ވައުދުވި ނަމަވެސް އެކަން އެގޮތަށް ނުވުމުގެ ސަބަބުން މަސްވެރި އާއިލާތައް އުޅެމުން އަންނަނީ ވަރަށް ހާލުގައި ކަމަށެވެ.