ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބަކާ ނިޔާވީ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އައި ފަހުން ވަރަށް ބޮޑަށް ހާލު ގޯސްވެގެން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެ އިރުއޮއްސެނިކޮށެވެ.
ބަކާގެ މަައްޗަށް ކަށު ނަމާދުކުރީ މިއަދު ފަތިސް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ވަޅުލީ ގަލޮޅު ސަހަރާގައެވެ. އިއްތިފާގުން ފަތިހުގެ ވަގުތުވީ މާލެއަށް ވަރަށް ވިއްސާރަ ވަގުތަކަށެވެ. ކެރި ކަނޑާނުލާ ބޯކޮށް ވާރޭ ވެހެމުންދިޔަ ނަމަވެސް ބަކާގެ ކަށު ނަމާދުގައި އެތައް ބަޔަކު ބައިވެރިވިއެވެ.
ވަޅުމުގެ ކަންކަން ގަލޮޅު ސަހަރާގައި ކުރިޔަށް ދިޔަ ވަގުތުވެސް އެތައް ބަޔަކުވަނީ ބޯ ވާރޭ ތެރޭގައި ތެމިފޯވެގެން ބަކާއަށް އެންމެ ފަހުގެ އިހްތިރާމް އަދާކޮށްފައެވެ. އޭގެތެރޭގައި އާއިލީ މީހުންނާއި ފުޓްބޯޅަ އާއިލާ މީހުންގެ އިތުރުން ހެޔޮ އެދޭ އެތައް ބަޔަކު ބައިވެރިވިއެވެ. އެންމެ މޫނުމަތިންވެސް ފެނުނީ މަޑުމޮޅިކަމާއި ހިތާމައެވެ. ގާތް މީހަކު ވަކިވެގެންދިޔަ ފުން ހިތާމައާ އަސަރުތަކެވެ.
ބަކާގެ ވަކިވުމާއެކު ހެޔޮ ދުއާގެ މެސެޖުތަކުންނާއި އާއިލާއަށް ފޮނުވި ތައުޒިޔާގެ މެސެޖްތަކުން މުޅި ސޯޝަލް މީޑިއާ އޮތީ ފުރިފަ އެވެ. އެތައް ބައެއް ހިއްސާކުރަމުން އަންނަ ތައުޒިޔާގެ މެސެޖުތަކުން ހަމަ ޔަގީނުން ވެސް އޭނާއަށް އޮތް އިހްތިރާމާއި ލޯބި ހާމަވެއެވެ.
ބަކާ ފާހަގަ ކުރެވިފައި ވަނީ ކުޅިވަރުގެ ދަނޑުގައި ވަރަށް އަހްލާގު ރަނގަޅު މޮޅު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ދީނީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިން ކުޅުންތެރި އެކެވެ. އޭނާގެ ގާތް މީހުން ބުނާ ގޮތުގައި އެންމެ ނަމާދެއް ވެސް ވައްޓައެއް ނުލަ އެވެ.
ދިވެހި ފުޓްބޯޅާގައި ލެޖެންޑެއްގެ ގޮތުގައި ގުނާލެވޭ ބަކާ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަކަށް ކުޅެފައެވެ. އެގެތެރޭގައި ދިވެހި ދަނޑުތަކުގައި ރަސްކަން ކުރަމުން އައި ވިކްޓްރީ، ނިއުރޭޑިއަންޓް އަދ ވެލެންސީއާ ހިމެނެއެވެ. އޭގެފަހުން ވީބީ އައްޑޫ އެފްސީ، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ގަދަ އެގާރާގައިވެސް އޭނާ ހިމެނުނެވެ. މީގެއިތުރުން މިޔަންމާގެ ކޭބީޒެޑް އަށް ވެސް ބަކާ ވަނީ ކުޅެފައެވެ.
ދިވެހި ގައުމީ ޓީމުން 2008 އާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައިވެސް ބަކާ ހިމެނި މުހިއްމު ދައުރެއްވަނީ އަދާކޮށްފައެވެ.