އެ ބިލްގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ޑެޓް މެނޭޖްމެންޓް އޮފީހެއް، ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަން ފަށަން ވާނެ ކަމަށް ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަންދޫހު ހުށަހެޅި އެ ބިލް ގައި ވެއެވެ.
މި ބިލް ގާނޫނަކަށްވުމުން މިނިސްޓްރީގެ ދަށުން މިހާރު ހިންގާ ޑެޓް މެނޭޖްމެންޓުގެ ހުރިހާ ޒިންމާތަކާއި މުވައްޒަފުންނާއި މުދަލާއި ވަސީލަތްތަކާއި އިމްތިޔާޒުތައް އެ އޮފީހުގެ ދަށަށް ބަދަލުވާނެ އެވެ. އެ ބިލްގައިވާ ގޮތުން އެ އޮފީސް ހިންގާނީ ސިޔާސީ ނުފޫޒުން އެއްކިބާވެ ޕްރޮފެޝަނަލްކަމާ އެކު އެވެ.
މި އޮފީހުގެ ކަންކަމާމެދު ރައްޔިތުން މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެ އެވެ. އެކަން ކުރާނީ ފިނޭންސް މިނިސްޓަރެވެ. އަދި ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް އެކްސްޓާނަލް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓެއް ހަދަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ބަޖެޓު ދަރަނި 14 ބިލިއަން ރުފިޔާއަށްވުރެ އިތުރުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އަދި ދަރަނި އަދާކުރުމާއި އިންޓަރެސްޓުގެ ހަރަދުތައް އުނިކުރުމަށްފަހު ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި 8.8 ބިލިއަން ރުފިޔާ އަރާނެ ކަމށްވެސް ލަފާކޮށްފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ.
ދަރަނި އިތުރުވެފައި ވަނީ އެތެރޭގެ މާކެޓުން ނެގި ދަރަނި އިތުރުވުމުންނެވެ. ފުރަތަމަ ތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އެ އަދަދު މިދިޔަ މަސް ފެށުނު އިރު ހުރީ 72.8 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އަދާކުރަން އޮތީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ދެއްކުމަށް 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި ދައްކަން ޖެހޭ އަހަރެވެ.