ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު އޮތީ ގޯސްކޮށް ކަމަށާއި މި ހާލަތާ ގުޅިގެން ސަރުކާރަށް ހުރި އުނދަގޫތަކާ އެކު ކުރިއަށް ދާނީ އެކަންކަން ރައްޔިތުންނަށް ހާމަކޮށްދެމުން ކަމަށެވެ.
ބޭރުގެ އިގްތިސޯދީ މާހިރުންގެ އަޑުވެސް ސަރުކާރުން އަހަން ޖެހޭކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ ބޭރުގެ މާލީ އިދާރާތަކުން ދޭ އެޑްވައިސްއާ އެއްގޮތަށް އެ ބޭފުޅުން އުފާ ވާނީ އެ އެޑްވައިސްއާ އެއްގޮތަށް ދަރަނި ކުޑަކޮށްގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމުން ކަމަށެވެ.
ޝުޖާއު ވިދާޅުވީ، ބާރަށު ދާއިރާގެ ދެ ރަށެއްގައި ކަރަންޓުގެ ހިދުމަތް ކެނޑޭތީ، އެކަން ބެލި ކަމަށެވެ. އެގޮތުން ބެލި ބެލުމުން ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އިންޖީނެއް އޯވާހޯލް ކޮށްފައި ނެތް ކަމަށާއި އިންޖީނުގައި ހުންނަ ފިލްޓަރު ވެސް ބަދަލު ނުކުރާ ކަމަށެވެ.
ޝުޖާއު ވިދާޅުވީ، މި ސަރުކާރުން އައިސް ފެނަކައިގެ ހިސާބު ބެލުމުން ގަވައިދުން އިންޖީނަށް ބޭނުންވާ ފިލްޓަރު ގަނެފައިވާ ކަމަށާއި ނަމަވެސް އެ ފިލްޓަރުތަކެއް ރަށްރަށަކަށް ގޮސްފައި ނުވާ ކަމަށެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ އަންނަން އޮތް ޖީލުގެ ހައްގުގައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ދައުލަތުން ކުރާ ބޭކާރު ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި، އާސަންދަ އެ ލިބެންޖެހޭ ހައްގު ފަރާތްތަކަށް އެކަނި ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަބްސިޑީ ވެސް އެ ލިބެންޖެހޭ ފަރާތްތަކަށް އެކަނި ދޭ ގޮތަށް ހަދަން ޖެހޭ ކަމަށެވެ.
ޝުޖާއު ވިދާޅުވީ، ކޮންމެ ވެރިކަމެއް އަޔަސް، ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ލަތީފް ވިދާޅުވީ، އެމްޑީޕީއިން ދެއްކި ޑިމޮކްރަސީ ކަމަކުނުދާ ކަމަށާއި އެ އަނިޔާވެރިކަން އަނބުރާ އިޔާދަކުރަން މިހާރު ރައްޔިތުން ބޭނުން ނުވި ކަމަށެވެ.
މީގެއިތުރުން ނިމިދިޔަ ރޯދަ މަހުގައި ތަކެތީގެ އަގު އިންތިހާއަށް އަގުހެޔޮކޮށްދިންކަން ފާހަގަކުރައްވައި ލަތީފް ވިދާޅުވީ ނިމިދިޔަ ރޯދަ މަހު ރައްޔިތުންނަށް އެއްވެސް އެއްޗަކަށް ދަތިވެގެން އުޅޭކަށް ނުޖެހުނު ކަމަށެވެ. އަދި ބޮޑު އީދު ދުވަހު މުޅި ރާއްޖެއަށް ރައީސް އުފާފާގަތިކަން ގެނެސްދެއްވައި ތަނަވަސްކަމާއި ތިޔާގިކަން ގެނެސްދެއްވި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މި ޖަލްސާގައި އެމްޑީޕީގެ ކުރީގެ މެމްބަރު، އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރަމުން އައިސް ރިޔާސީ އިންތިހާބު، ރައީސް، ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވި ހިސާބުން އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުން މަސައްކަތް ފެށީ ބަޣާވާތަކުން ވިއަސް މި ސަރުކާރު ވައްޓާލަން ކަމަށެވެ.
ނިހާދު ވިދާޅުވީ، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ކަންކޮށްފައިވާ ގޮތް މިއަދު މަޖިލީހަށް އިންތިހާބު ވެފައިވާ މެމްބަރުންނާއި މަޖިލީހުގެ ރައީސް، އަދި ނައިބު ރައީސް ވެސް ޔައުމިއްޔާ ބެއްލެވުމުން އެނގޭނެ ކަމަށެވެ.
އެމްޑީޕީން އެ ބަޢާވާތް ކުރުމަށް މަސައްކަތް ފެށި ހިސާބުން އޭނާ ނިކުތީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރު ދިފާއު ކުރެއްވުމަށް ކަމަށާއި ﷲގެ އިރާދަފުޅުން ސަރުކާރު ދިފާއު ކުރެވުނު ކަމަށެވެ. އަދި ދުވަހަކު ވެސް އެފަދަ ކަމެއް ވިޔަކަ ނުދޭނެ ކަމަށް ވެސް ނިހާދު ވިދާޅުވި އެވެ.