ads
ގައުމީ ގުރުއާން މުބާރާތުގެ ތެރެއިން- ފައިލް ފޮޓޯ
1029 ބައިވެރިންނާއެކު ޤައުމީ ގުރުއާން މުބާރާތް މާދަމާ ފަށަނީ
ކީރިތި ގުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް މާދަމާ ފަށާނެ އެވެ.
Advertisement

މި ފަހަރުގެ މުބާރާތުގައި 1029 ބައިވެރިން ވަާދަކުރާނެކަމަށް ގުރުއާނާއި ބެހޭ މަރުކަޒުން ބުނެއެވެ. އެއީ 52 ސްކޫލުން 365 ދަރިވަރުންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި  އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ވާދަކުރާ 15 ބައިވެރިންނެވެ. 

މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ގުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށްކަމަށް ގުރުއާނާއި ބެހޭ މަރުކަޒުން ބުނެއެވެ. 

މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ ހޯލްގަ އެވެ.

ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގަ އެވެ. ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕޮސް ހޯލްގަ އެވެ. 

ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު 3 ދަންފަޅި

  • ހެނދުނު 8:00 އިން 12:00 އަށް
  • ހަވީރު 16:00 އިން 18:00
  • ރޭގަނޑު 20:00 އިން 10:30 އަށް

ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށްދާނީ ހަވީރާއި ރޭގަނޑުކަމަށް މަރުކަޒުން ބުނެއެވެ. 

ގުރުއާނާއި ބެހޭ މަރުކަޒުން ބުނީ މިއަހަރުގެ މުބާރާތް ރާވާފައިވަނީ ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމާލާ ދެވޭ ގޮތަށްކަމަށެވެ. އަދި މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދެވޭ އިނާމާއި ހަނދާނީ ފިލާއާއި އައްޑަނައަށްވެސް އިސްލާމީ، ދިވެހި ވަންތަ އަމިއްލަ ފަރުމާތަކަށް ބަދަލު ކުރެވިފައިވާކަމަށްވެސް އެ މަރުކަޒުން ބުނެއެވެ. 

މީގެ އިތުރުން މުބާރާތުގެ ބައިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މުބާރާތާއި ގުޅޭ ލުއި ފޮތެއް ތައްޔާރުކޮށް އެ ފޮތުގެ ޒަރިއްޔާއިން ބައިވެރިންނަށް މުހިއްމު ޤަވާއިދުތަކާއި މުބާރާތް ކުރިއަށްދާ ގޮތުގެ ތަފްސީލް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާކަމަށް މަރުކަޒުން ބުނެއެވެ. 

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. 

ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ކީރިތި ގުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ދަރިވަރުންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަން އުފެއްދުމާއި، ގާރީންނާއި ހާފިޒުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުމާއެކު ކީރިތި ގުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށާއި މާތް ވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް