ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނައިރު މި ހާލަތުގައިވެސް ބައެއް ފިޔަވަޅުތައް އެޅުމަށް ސަރުކާރުންވަނީ ނިންމާފަ އެވެ. އެގޮތުން ތަންފީޒުކުރަން ނިންމާފައިވާ ބައެއް ކަންކަން ރައީސް ރޭ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ ހިންގުމުގެ ނުވަތަ ރިކަރަންޓު ހަރަދު ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ހިމެނޭ ކަމަށެވެ. އެ ފިޔަވަޅުތަަކުގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުމާއި ބައެއް ހަފުލާތައް ނުބޭއްވުން ހިމެނޭ ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ނިންމެވުމާއި ގުޅިގެން ވެރިކަން ކުރާ ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިވެހިރާއްޖެ ވައްޓާލާފައިވާ އިގްތިސާދީ އަނދަވަޅުން ނަގައި ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް މުހިއްމު ފިޔަވަޅުތަކަކަށް ވާނެ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަކަށް ވުރެ ބޮޑަށް ގައުމީ ވިސްނުމަކުން ވިސްނައިގެން އަޅާ ފިޔަވަޅުތަކެއް ކަމަށް ޕީޕީއެމް ޕީއެންސީ އިން ގަބޫލުކުރާ ކަމަށްވެސް ބުންޏެވެ. އެ ކަމުގައި ރައީސް މުއިއްޒާ އެކު ޕީޕީއެމް/ޕީއެންސީން ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން ވެސް ވަނީ އަރުވައިފަ އެވެ.
ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ހަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއިން ނިންމާ، ހަރަދު ކުޑަކޮށް ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މި އަހަރުގެ ޖުލައި މަހުން ފެށިގެން ބޮޑެތި މާލީ އިސްލާހުތަކެއް އެކިލެވޭ އިސްލާހީ އެޖެންޑާއެއް ތަންފީޒުކުރަން ފަށަން ސަރުކާރުންވަނީ ނިންމާފަ އެވެ. ސަރުކާރުން ގެންނަން ކަނޑައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އާސަންދައާއި ސަބްސިޑީގެ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތައް ހިމެނެ އެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަކުރަން، ސަރުކާރުގެ ބޮޑު އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލިހުންގެ މެމްބަރުން ވެސް ގެންދަވަނީ ގޮވާލައްވަމުންނެވެ.