މާލޭގެ ގެސްޓްހައުސްއެއްގައި ނޭޕާލް މީހަކު ރަހީނުކުރި މައްސަލާގައި ބަންގްލަދޭޝް ދެ މީހުން ހައްޔަރު ކުރިއެވެ. އެކި ފަހަރު މަތިން މި މީހުންގެ ބަންދު އިތުރު ކުރުމަށް ފަހު، އޭގެ ތެރެއިން، ޝަމީމް މިއާ ކިޔާ މީހާގެ ބަންދު އެންމެ ފަހުން ބުރާސްފަތި ދުވަހު ވަނީ ޝަރީއަތް ނިމެންދެން ޖަހާފަ އެވެ. އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.
ނޭޕާލު މީހާ ރަހީނުކޮށްގެން ގެންގުޅެފައިވަނީ މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގަ އެވެ. އޭނާ ސަލާމަތް ކުރިއިރު އެއްވެސް ހާނީއްކައެއްވެފައިނުވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.
މި މައްސަލައިގައި ކުރީގެ ބަންދު އަމުރުން އެނގޭ ގޮތުގައި ނޭޕާލް މީހާ ރަހީނުކޮށް ބަންދުކޮށްފައި ހުރި ކޮޓަރީގެ ޑަބަލް ތަޅުދަނޑި އޭނާގެ އަތުން ވަނީ ފެނިފަ އެވެ. އޭނާ އަކީ އެ ކޮޓަރި ހުރި ގެސްޓްހައުސްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި ނަމަވެސް މިކަމުގައި އޭނާގެ ގުޅުމެއް ނެތް ކަމަށް ޝަމީމް މިއާގެ ވަކީލް ކޯޓުގައި ބުނެފައިވެ އެވެ.
ނޭޕާލް މީހާއާ އޭނާ ބަންދުކޮށްގެން ގެންގުޅުނު މީހުންނާމެދު ޖެހުނީ ފައިސާގެ މައްސަލަތަކެއް ކަމަށް ފުލުހުން ކުރީން ބުނެފައިވެ އެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް މީހާއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެކެވެ. އޭނާ ފިލައިފާނެ ކަމަށް ބެލެވުމަކީ އޭނާ ބަންދު ކުރި ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.