ކަސްޓަމުން ބުނީ ރާއްޖެއަށް މުދާ އެތެރެކުރަން އޮންނަ އިޖުރާތުތައް ފުރިހަމަނުކޮށް ވަގަށް އެތެރެކުރި ސިނގިރޭޓްތައް އަތުލައިގަތީ ކޯޓް އަމުރެއްގެ ދަށުން ކަމަށެެވެ. އަދި މި ތަކެތި ހޯދީ ހުޅުމާލޭގެ ހަތަރު ތަނެއް ބަލާ ފާސްކޮށްގެންކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.
މި ހަތަރު ތަނުން ޖުމްލަ 173 ސިނގިރޭޓް ކާޓަން އަތުލައިގެންފައިވާކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ. އެއީ 1.7 މިލިއަން ސިނގިރޭޓްކަމަށް ކަސްޓަމްސް އިން ބުނެއެވެ. މި ތަލެތި އަތުލައިގަތީ ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކުކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.
މި ތަކެތީގެ އަގު 1.6 މިލިއަން ރުފިޔާއަށްް އަރާއިރު މި ތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 5.6 މިލިއަން ރުފިޔާ ދައްކަން ޖެހޭކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސްގެ މަސައްކަތްތައް މިހާރު ބައްޓަންކޮށްފައިވަނީ ދުރާލާ ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑާ ޕްރޮފައިލްއަށް ބިނާކޮށް މުދަލުގެ ލިޔެކިޔުންތަކާއި މުދާ ބަލައި ކަނޑައެޅޭ ހިރާސްގެ މިންވަރުތަކަށް ރިއާޔަތްކޮށް މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ބަލާ ފާސްކުރުމުގެ މައްޗަށް ކަމަށް އެ އިދާރާއިން ބުނެެއެވެ.
މިގޮތުން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ގަވައިދާ ހިލާފް މުދާ ކަމަށް ޝައްކު ކުރެވޭ ހާލަތުގައި މުދާ ކްލިއާ ކުރުމަށް ފުރުސަތު ދިނުމަށްފަހު ގަވައިދާ ހިލާފަށްް ހިންގާ ނެޓްވޯކްތައް ހޯދުމަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި މިގޮތަށް ހިންގޭ އޮޕަރޭޝަންތަކުގެ ތެރެއިން މިފަދަ މުދާ ގެންގޮސް ވައްދާ ތަންތަން ބަލައިފާސްކޮށް އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންނަކަމަށްވެސް އެ އިދާރާއިން ބުނެއެވެ.