މިނިސްޓަރު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)ގެ ހެޑް ކުއާޓާސްއަށް މިނިސްޓަރު ކުރެއްވި ޒިޔާރާތުގައި ވެދެއްވި އެހީތެރިކަމަށް ޓަކައި، އެ ބޭންކުގެ މެނޭޖްމަންޓަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ މި ކަމުގެ ސަބަބުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އިއްތިފާގުވެވަޑައިގެންފައިވާ ކަންކަން ތަންފީޒު ކުރުމަށް ޗައިނާގެ ފަރާތުން ދޭ އަހަންމިއްޔަތުކަން ކަށަވަރުވެގެންދާ ކަމަށެވެ.
މިނިސްޓަރު ޗައިނާއަށް ވަޑައިގެންނެވީ "ސަމާ ޑާވޯސް ފޯރަމް" ގެ ގޮތުގައި މަޝްހޫރު ކޮށްފައި އޮންން ވޯލްޑް އެކޮނޮމިކް ފޯރަމްގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ޗައިނާގައި ކުރިޔަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރައްވާ ދަތުރުގެ ތެރެއިން މިނިސްޓަރު ސައީދު އިއްޔެ ވަނީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް އާ ބައްދަލު ކުރައްވައިފަ އެވެ.
މީގެ އިތުރުން, ޗައިނާއާ ރާއްޖެއާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރުމުގައި ކުރިއަށްދާނެގޮތްތައް، ޕީޕަލްސް ބޭންކް އޮފްޗައިނާ (ޕީބީސީ)އާއެކު ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.
މިއީ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސާ އެކު ކުރެއްވި މަޝްވަރާތަކުގެ ތެރެއިން، ވިޔަފާރިއާއި އިގުތިސާދާ ގުޅުންހުރި ކަންކަމުގައި އިތުރަށް މަޝްވަރާކުރެއްވުމަށް ބޭއްވުނު ބައްދަލު ކުރެއްވުންތަކެކެވެ.
ޗައިނާ ފާހަގަވެފައިވަނީ ރައީސް މުއިއްޒުގެ ސަރުކާރާ އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމުގެ ގޮތުގަ އެވެ. އެގޮތުން ގިނަ މަޝްރޫއުތަކާއި އަސްކަރީ ދާއިރާއިން ވެސް މި ސަރުކާރުން ވަނީ ޗައިނާއާއެކު މަސައްކަތް ކުރަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގަން ޗައިނާ ސަރުކާރުން ގިނަ ލޯނުތައް ވަނީ ނަގާފަ އެވެ. އަދި އެ ލޯނުތައް މިހާތަނަށް އެއްކޮށް ދައްކާ ނިމިފައެއް ނުވެ އެވެ.
ރާއްޖެއިން ޗައިނާއަށް އަދާކުރަން ޖެހޭ ލޯނުގެ މުއްދަތު ފަސްކޮށްދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވި އެވެ.