
އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ކުރި ހޯއްދަވާފައި ވަނީ އިސްލާހީ ބަދަލުތަކަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ އަމިއްލަ ކެންޑިޑޭޓް މަސްއޫދު ޕެޒެޝްކިއަން އެވެ. އޭނާއަށް 40.3 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވި އިރު ދެވަނައަށް ދިޔަ ސައީދު ޖަލީލީ އުޅުއްވަނީ ޕެޒެޝްކިއަންއާ ވޯޓުގެ ގޮތުން ދާދި ކައިރީގަ އެވެ. އެއީ 39.5 އިންސައްތަ ވޯޓެވެ.
އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން އީރާންގައި ވޯޓުލުމަށް ޝަރުތު ހަމަވާ 64 މިލިއަން މީހުން އެބަ ތިއްބެވެ. ގިނައީ ޒުވާނުންނެވެ. ނަމަވެސް ހުކުރު ދުވަހު އޮތް އިންތިހާބުގައި ވޯޓުލާން ނުކުމެފައި ވަނީ ވޯޓު ލާން ހައްގު ލިބިފައިވާ މީހުންގެ 40 އިންސައްތަ އެވެ.
އީރާންގައި 2021 ގައި ރިޔާސީ އިންތިހާބުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 59.3 މިލިއަން އެވެ. އެ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ވޯޓުލީ މީހުންގެ ނިސްބަތް ހުރީ 48 އިންސައްތައަށްވުރެ ވެސް ދަށުގަ އެވެ.
މަސްއޫދު ޕެޒެޝްކިއާން (ވ) ސައީދް ޖަލީލީ ވާދަކުރައްވާ ދެވަނަ ބުރު އޮންނާނީ 5 ޖުލައި ގައި.
އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ ޖުލައި ފަހެއްގަ އެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެވި ދެ ކެންޑޭޓުންނެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ގާޑިޔަން ކައުންސިލުގެ ރުހުން ލިބުނު ބޭފުޅުންގެ ތެރޭގައި:
- މިހާރުގެ ދެވަނަ ނައިބު ރައީސް ގާޒީޒަދީހް ހާޝިމީ
- އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފީ
- ނިއުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާތަކުގެ ވެރިޔަކަށް ކުރިން ހުންނެވި ސައީދް ޖަލީލީ
- ގާނޫނު ހަދާ މަޖިލީހުގައި އިރުމަތީ އަޒަރްބައިޖާން ސިޓީގެ ވެރިރަށް ތަބްރީޒް ތަމްސީލްކުރައްވާ މެންބަރު މަސްއޫދު ޕެޒެޝްކިއާން (ހަމައެކަނި އަމިއްލަ ކެންޑިޑޭޓެއް)
- ކުރީގެ އިންޓީރިއާ މިނިސްޓަރު މުސްތަފާ ޕޫރުމުހައްމަދީ
- ތެހެރާންގެ މޭޔަރު އަލީރިޒާ ޒަކާނީ
ރައީސީ އަވަރާހަވުމާ ގުޅިގެން އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ ވަނީ ގާނޫނުއަސާސީއާ އެއްގޮތަށް ރައީސްކަމުގެ މަސްއޫލިއްޔަތު ނައިބު ރައީސް މުހައްމަދު މޮހުބަރު ހަވާލުކޮށްފަ އެވެ. އެ ގައުމުގެ ގާނޫނުއަސާސީ އޮންނަ ގޮތުން ނައިބު ރައީސުންނަކީ އިންތިހާބުކުރާ ބައެއް ނޫނެވެ. އަދި އިރާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން، ރައީސް ނެތް ހާލަތެއްގައި 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބުކުރަންޖެހެ އެވެ.