މި ހަފްތާގައި މަސް ގަންނަ އަގަކީ 16ރ.އަށް ކަމަށް ކަނޑައަޅައިފި
އަލީ މިދުހަތު
30 ޖޫން 2024 - 23:32:09
މި ފެށުނު ހަފްތާގެ ތެރޭގައި މަސް ގަތުމަށް ސަރުކާރުގެ މަސް ކުންފުނި, މިފްކޯއިން ކަނޑައަޅާފައިވާ އަގުތައް ދާދި ދެންމެއަކު ހާމަކޮށްފި އެވެ.
މިފްކޯއިން މިއަދު ނިންމީ، 1 ޖުލައި، މާދަމާއިން ފެށިގެން ކޮންމެ ހަފްތާއަކު އެ ހަފްތާއަކަށް މަސް ގަންނަ އަގު ކަނޑައަޅާށެވެ. އެގޮތަށް އަގު ކަނޑައަޅަނީ، ބޭރުގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ، އެކްސްޕޯޓު ކުރުމަށް ހިނގާނެ ހަރަދަށް ބަލައިގެންނެވެ.
ގަނޑުކުރި މަސް ގަންނަ އަގު
- 1.5 ކިލޯއަށް ވުރެ ބަރު މަސް - ކިލޯއަކަށް 16ރ.
- 1.5 ކިލޯ ހަމަނުވާ މަސް - ކިލޯއަކަށް 7ރ.
ގަނޑު ނުކުރާ މަސް ގަންނަ އަގު
- 1.5 ކިލޯއަށް ވުރެ ބަރު މަސް - ކިލޯއަކަށް 14ރ.
- 1.5 ކިލޯ ހަމަނުވާ މަސް - ކިލޯއަކަށް 5ރ.
މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް މި ބަދަލާއެކު ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ބުނެ އެވެ.
މީގެ ކުރިން މަސް ގަންނަމުން އައީ ކިލޯއެއް 20ރ. އަށެވެ.
މިފްކޯއިން ބުނީ މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫންކަމަށެވެ. އެހެންކަމުން މަސްވެރިންނަށް ފައިސާ ދިނުމުގެ ހުރިހުރި ދަތިތައް ހައްލުކުރުމަށް، މިފްކޯއިން މަސް ގަންނަ އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
މިފްކޯއިން ނިންމާފައި ވަނީ މަސްވެރިންނަށް މިހާތަނަށް ނުދީ ހުރި ހުރިހާ ފައިސާއެއް މާދަމާގެ ނިޔަލަށް ދައްކާ ހަލާސްކުރާށެވެ. އެންމެ ފަހުން ހާމަކުރި މައުލޫމާތަށް ބަލާއިރު 53 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އެއްޗެއް މަސްވެރިންނަށް ދޭން އެބަ އޮތެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް