ads
ދޫކޮށްފައި ނުދާށޭ.. - 16 ވަނަ ބައި
އެޕިސޯޑް 16
Advertisement

ބުރާސްފަތު ދުވަހުގެ އަދަދާއި ގުޅޭ

އަލީޒީގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލީ އެހެން މީހަކަށް ފެނިދާނެކަމަށް ފަރުވާތެރިވެގެންނެވެ. އެ ވަގުތަކީ ޕްރިންސިޕަލްގެ ނަޒަރު އަލީޒީއަށް އަމާޒުވި ވަގުތެވެ. ހިތްވަރު ދިނުމުގެ ގޮތުން، ބޮލުން އިޝާރާތްކޮށްލައްވަމުން ޕްރިންސިޕަލްގެ ހިނިތުންވުން ފެނުނުކަމީ އަލީޒީއަށް ލިބުނު ހިތްހަމަޖެހުމަކާއި އިތުރު ހިތްވަރެކެވެ. ވަކިވަކީން ހުރިހައި ބެލެނިވެރިންނާއި އިސްޖަހައިގެންތިބި ކުދިންނަށް ޕްރިންސިޕަލް ބައްލަވައިލެއްވި އެވެ. މާހައުލުގެ 'ހޫނުކަން' ވިސްނިވަޑައިގެންވި ފަދައިން ނިއްކުރީގައި އަތް ހާކާލެއްވި އެވެ. 

"އެހެން ދުވަސްދުވަހެކޭ އެއްގޮތަށް މިއަދުވެސް ހިނގާދިޔަ ހަމަނުޖެހުމުގައި އަޔާންގެ އެއްވެސް ކުށެއް ނުވޭ.." 

ކުރުކޮށް ތަފްސީލްކޮށް ބެލެނިވެރިންނަށް ވިސްނައިދުނުމަށް ވަރަށް ތިލަކޮށް ޕްރިންސިޕަލް ވިދާޅުވި އެވެ. އެދަރިވަރުންގެ ބެލެނިވެރިންނާއި ދިމާއަށް ބައްލަވައިލައްވަމުން އެއްޗެއް ވިދާޅުނުވެ އިރުކޮޅަކު ޕްރިންސިޕަލް މަޑުކޮށްލެއްވި އެވެ. 

"މި ކުއްޖާ، މި ސްކޫލުގައި އަހަރުމެންގެ ދަރިންގެ ކުލާހުގައި ކިޔަވަން ބޭންދުމަކީ ކުޑަކުށެށްތޯ..؟" ދާދި ގާތުގައި ތިބި ދެމައިންގެ ހިތުގެ އިހްސާސްތަކަށް ކުޑަވެސް އިހުތިރާމްކުރުމެއް ނެތި ޔަޒީންގެ މަންމަ ބުނެލީ ރުންކުރު ގޮތަކަށެވެ. އިންސާނިއްޔަތުކަމުގެ ޒައްރެއްވެސް އެ މަންމަގެ ހިތުގައި ނުވާ ފަދަ އެވެ. 

"ވަކި ކުއްޖަކު ތަފާތު ކުރުމުގެ އުސޫލަކީ އަޅުގަނޑުމެން ދަންނަ ކަމެއް ނޫން..! ސްކޫލަށް ހާޒިރުވެ އެކުދިންގެ އެސެމްބްލީ ވަގުތުން ފެށިގެން ޔަޒީންއާއި އަދި އެކުވެރި އިތުރު ދެކުދިން އަޔާންއަށް އެކިވަރުގެ ގޯނާކުރަމުންދިޔަ މަނންޒަރު ފެނުނު ކުދިންނާއި ޓީޗަރުން އަޅުގަނޑަށް ޝަކުވާ ހުށަހަޅާފައި އެބަހުރި.. މިއަދު ނޫނަސް މިކަން މިގޮތަށް ހިނގާފައި އެބަހުރި.. މިއީ ވަރަށް ދެރަކަމެއް.. އެއްވެސް ކުއްޖަކު އަނެއް ކުއްޖަކަށް މިގޮތަށް އިހާނެތިކޮށް އެއްވެސް ސިފައެއްގައި ގޯނާއެއް ކުރުމަކީ މި ސްކޫލުގައި ފުރުސަތު ދެވިފައިވާ ކަމެއް ނޫން..! އެހެންނަމަވެސް ހިތާމައަކީ، ފާއިތުވެގެން މިދިޔަ އަހަރުތަކުގައިވެސް މިކަންކަމަށް ނިމުމެއް އައިސްފައި ނުވާތީ.. ތަކުރާރުކޮށް ކޮންމެ ދުވަހަކު ނުވަތަ ހަފްތާއަކު ތިން ހަތަރު ދުވަހު މިގޮތަށް މި ނަސޭހަތްދީގެން ތިކުދިންގެ ތިޔަ ކަންކަން އިސްލާހްކުރެވޭތޯ ސްކޫލުން ވަރަށް މަސައްކަތް ކޮށްފިން.. އެއްކުއްޖަކު އަނެއްކުއްޖެއްގެ ގަޔަށް އަތްލައި އަނިޔާކޮށް ހަޑިހުތުރުބަހުން ސްކޫލްތެރޭގައި މުއާމަލާތު ކުރުމަކީ ގަބޫލުކުރެވޭނެ ކަންކަމެއް ނޫންކަން ބެލެނިވެރިންވެސް ގަބޫލުކުރައްވަންވާނެ.. އެތައް ދުވަހަކު މި ދަރިވަރުން އިސްވެތިބެ އަޔާންއަށް އެކިވަރުގެ ގޯނާކޮށްފައިވޭ..! އެއިން ކޮންމެ ދުވަހަކު ނަސޭހަތްދީފައި ތިޔަކުދިންނަށް ފިޔަވަޅެއް ނާޅައި ސްކޫލުން ދޫކޮށްލާފައިވަނީ، ތިއީވެސް ކިޔަވާކުދިންނަށްވާތީ، ތިކުދިންގެ މުސްތަގްބަލަށް ހުރަސްއެޅިދާނެފަދަ ކަމެއް ދިމާވެދާނެކަމަށްބުނެ އަޔާންއާއި އަޔާން މަންމަގެ އާދޭހުގެ ސަބަބުން..! ނަމަވެސް ތިޔަކުދިންގެ އަމަލުތަކުން މިކަންކަން ރަގަޅުކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް، ސްކޫލްގެ ވެރިންނާއި ތިޔަކުދިންގެ ޓީޗަރުންނަށްވެސް ލިބިފައިނުވޭ..!" މާޔޫސްކަމާއެކު ޕްރިންސިޕަލް ވިދާޅުވި އެވެ.

"މިއަދު ލީޑިންގ ޓީޗަރުންނާއެކު ކުރެވުނު މަޝްވަރާއިން ނިންމާފައިވަނީ، ތިޔަކުދިންގެ ތިޔަ ކަންކަން އިސްލާހްކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، އެއް ހަފްތާއަށް ތިޔަ ދަރިވަރުން ސްކޫލަށް ހާޒިރުނުވެވޭގޮތަށް ގޭގައި މަޑުކުރުމަށް އެންގުމަށް..! މިކަމާގުޅިގެން ހަވާލުކުރަންޖެހޭ ލިޔުންތައް ބެލެނިވެރިންނާއި ހަވާލުކުރައްވާނީ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް.. އެކަން މިހާރު ކުރިއަށް އެބަދޭ.." ޕްރިންސިޕަލްގެ ވާހަކަފުޅުގެ ތެރެއިން ބެލެނިވެރިޔަކު، ވާހަކަދައްކަން ފެށި އެވެ.

"ހީކުރާހާ ގޮތެއް އަހަރުމެންގެ ދަރިންނަކަށް ނުހެދޭނެ.. ޕްރިންސިޕަލްވެސް ޖެހޭނީ ރަށުގެ ދަރިންނަށް އިސްކަން ދޭން.. މިހިރަ ނަ*** ކުއްޖާ ޖެހޭނީ މިސްކޫލުން ވަކިކުރަން..! އަހަރުމެންގެ ދަރިންނާއި އެއްކުލާހެއްގައި އެކުއްޖާ ނުބެހެއްޓޭނެ.." ބެލެނިވެރިޔާ ބޭނުންވާ ގޮތް ހަރުކަށިކަމާއެކު ބުނެލި އެވެ. 

"ވަކި ސްކޫލަކުން ވަކި ދަރިވަރަކު ވަކިކުރުމުގެ އިހްތިޔާރަކީ ސްކޫލްގެ ބެލެނިވެރިންނަށް ނުވަތަ ސްކކޫލް ހިންގަން ތިބޭ ބަޔަކަށް ލިބިދީފައިވާ ބާރެއް ނޫން.. އެފަދަކަމެއް ކުރަންޖެހިއްޖެނަމަ، އެކަން ކުރަން އޮންނަ އުސޫލުގެ ތެރެއިން އެކަންކަން ކުރަންތިބި ބަޔަކު ކުރާނެ..! ކޮންމެ ސްކޫލަކުން، ކޮންމެ ދަރިވަރަކަށް ހަމަހަމަކަމާއެކު ތައުލީމާއި ކުރިއެރުމުގެ ފުރުސަތަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް.. މިކަންކަން ބަދަލުކުރުމަކީ ވަކިވަކި ފަރުދުންގެ އިހްތިޔާރުގައި އޮންނަ ކަމެއްނޫން.. އަޔާންއަކީ މުޅި މި ސްކޫލުގައިވެސް އެންމެ މަތީން ނަތީޖާ ހޯދަމުންއަންނަ، އަހްލާގީ މާތްސިފަތައް ދަސްކޮށްފައިވާ ބަސްއަހައި، ކިޔަމަންތެރި ދަރިވަރެއް.. އެތައްކަމެއްގައި ސްކޫލަށް ރީތިނަން ހޯދައިދޭ ގާބިލު ދަރިވަރެއް..! މިއީ ބެލެނިވެރިންނާއި ހުރިހައި ދަރިވަރުންވެސް އުފަލާއެކު ފާހަގަކޮށް މިކަމުން ނަމޫނާ ލިބިގަންނަށްޖެހޭ ކަމެއް.. ހަސަދަވެރިވެ، ނަފްރަތާއި ހިތްހަމަނުޖެހުން ދުރުކޮށް، ހުރިހައި ކުދިންނަށް ރިވެތި އުސޫލުތައް ދަސްކޮށްދެވޭތޯ ކޮންމެ ބެލެނިވެރިޔަކު މަސައްކަތް ކުރަންވާނެ.." އިސްޖަހައިލައިގެން ހުރި އަލީޒީއަށް ޕްރިންސިޕަލް ބައްލަވައިލެއްވި އެވެ. ހަމަހިމޭން ވަގުތުކޮޅަކަށްފަހު އަނެއްކާވެސް ވާހަކަފުޅު ދެއްވެކީ ޕްރިންސިޕަލް އެވެ. 

"އަޔާންގެ އެއްވެސް ޝަކުވާއެއް ދުވަހެއްގައިވެސް އަޅުގަނޑާއި ހަމައަށް މިހާތަނަށް އައިސްފައެއް ނުވޭ.. އެކަމަކު އަޔާންއަށް އެހެންކުދިން ގަނާކޮށްގެން ޝަކުވާތައް ޓީޗަރުންގެ ފަރާތުން އަޅުގަނޑާއި ހަމައަށް ނާންނަ ދުވަހެއް ވަރަށް މަދުވާނެ.. ތިޔަ ދަރިވަރުން އިސްލާހްވުމަށް މިފަހަރު މިދެވުނީ ފުރުސަތެއް.. މިކަމަށް ވިސްނައި ތިޔަކުދިން ކިޔަވާ މާއްދާތަކކުން ރަގަޅު ނަތީޖާ ހޯދުމަށް މަސައްކަތްކުރުމަށް މި ފުރުސަތުގެ ބޭނުން ކުރާނެކަމަށް ޕްރިންސިޕަލް އުއްމީދު ކުރަން..!"

އިސްޖަހައިލައިގެން ތިބި ދަރިވަރުންނަށް ބައްލަވައިލައްވަމުން ޕްރިންސިޕަލް ވިދާޅުވި އެވެ. ކުރެވުނު ކުށަށް ނުވަތަ ކުށްތަކާއިމެދު ދެރަވެފައިވާކަމުގެ އިޝާރާތެއް އެކުދިންގެ ފަރާތުން ނުފެންނަކަން ޕްރިންސިޕަލްއަށް ފާހަގަކުރެއްވުނެވެ. 

"އެއްވެސް ކުއްޖަކަށް ހަޑިހުތުރުކޮށް މުއާމަލާތުކޮށް އަތް އިސްނުކުރުމަށް ނަސޭހަތްތެރިވަން.. ބެލެނިވެރިން ތިޔަބޭފުޅުންގެ ވާޖިބާއި ފުރިހަމަ ޒިންމާ އަދާކުރައްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން.. އަޔާންއަށް ސްކޫލްތެރެއިން ދިމާވަމުންދާ ދެރަ، އަދި ހިތާމަވެރި ކަންކަމަށް އަޔާންއާއި އަޔާންގެ މަންމަގެ ކިބައިން އަޅުގަނޑު މައާފަށް އެދެން.. އަޔާންއާއި އަދި އެހެން ހުރިހައި ދަރިވަރުންގެ ރައްކާތެރިކަމާއި، ހުރިހައި ދަރިވަރުންނަށް އަމާން މާހައުލެއް ހޯދައިދިނުމަށް އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާކަމެއް ސްކޫލް ފަރާތުން ކޮށްދިނުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަރުވަން.."

ޕްރިންސިޕަލްގެ ވާހަކަފުޅު ނުނިމެނީސް އެ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިން ނިކުމެގެން ހިނގަށްޖެ އެވެ. ޝުކުރު އަދާކުރުމަށްފަހު އަޔާންގެ އަތުގައި ހިފައިގެން އަލީޒީ ނިކުމެގެން ހިނގައިގަތީވެސް އިސްޖަހައިގެން ހުރެ އެވެ. 

"މަންމާ.. އައި އެމް ރިއަލީ ސޮރީ... ބިކޯޒް އޮފް މ..." އަޔާންގެ ޖުމުލަ ފުރިހަމަކުރަން އަލީޒީ ފުރުސަތެއް ނުދިނެވެ. 

ކޮންމެ ފަހަރަކުވެސް އަޔާން ކުއްވެރިކުރަނީ އެދަރިފުޅުގެ އަމިއްލަ ނަފުސުކަން އަލީޒީއަށް އެނގެ އެވެ. މަދު ފަހަރަކު ނޫނީ އެފަދަ އެއްޗެއް އަޑު ވިއްލައި ނުބުނާނެ އެވެ. ދަރިންގެ ކޮންމެ ވާހަކައެއް، ކޮންމެ ވަގުތެއްގައިވެސް އަޑުއެހުމަށް ފުރުސަތުދޭންޖެހޭނެކަން އަލީޒީއަށް އެގެ އެވެ. ނަމަވެސް އަޔާންގެ ކުށެށްނެތި، އަމިއްލަ ނަފުސު ކުއްވެރިކޮށް އެދަރިފުޅު ހިތާމައެއްކުރަން އަލީޒީގެ ހަށީގައި ވިންދެއް ހުއްޓައި އޭނާއަށް އެއްބަހެއް ނުވެވޭނެ އެވެ. 

"އެއްވެސް ކަމެއްކައި ދަރިފުޅުގެ އެއްވެސް ކުށެށް ނެތް.. އެފަދަ އެއްޗެއް ދަރިފުޅު ހިތައްވެސް ނާރުވާތި.. މަންމައާއި ބޮޑުދައިތައާއި މުންޝިއަންކަލް ދަރިފުޅަށްޓަކައި އަބަދުވެސް ފަހުރުވެރިވަން.. މުންޝިއަންކަލްއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ދަރިފުޅު ބޭނުމިއްޔާ މަންމަ މިއަދު ގުޅާފައި ބުނާނަން މާދަމާ ރަށަށް އަންނާށޭ.. އޭރުން އަންކަލްއާއެކު ދަރިފުޅު މަސްބާނަން ބަނދަރަށް، ނޫނީ ފާލަން މައްޗަށްވެސް ދެވޭނެ ދޯ..! އެ ގޮތް ރަގަޅު ތަ؟" ހިނިތުންވާން މަސައްކަތްކުރަމުން، ދަރިފުޅުގެ ކުރިމަތީގައި ކުޑަކަކޫމައްޗަށް އަލީޒީ އިށީނެވެ. 

އަޔާންގެ މޫޑް މިވަގުތަށް ބަދަލުކުރެވޭތޯ މަސައްކަތްކުރުމަކީ އަލީޒީއަށް މުހިއްމު ކަމެކެވެ. އެއްބަސްވުމުގެ ގޮތުން އަޔާން ބޮލުން އިޝާރާތް ކޮށްލި އެވެ. މައުސޫމް ދެލޮލުގައިވާ ޝަކުވާއާއި އެތައް ސުވާލަކުން އަލީޒީގެ ހިތް ރޮއްވައިލި އެވެ. 

...................

އަސުރުން ފައިބައިގެން އަލީޒީއާއި އައިޝާ ތައްޔަރުވަމުންދިޔައީ ދަނޑުދޮށަށް ދާށެވެ. ދެ ފުޅި ފެނާއި ޖޫސް ފުޅިއަކާއި ދެވައްތަރެއްގެ ހެދިކާވެސް އައިޝާ ތައްޔާރުކުރި އެވެ. އިރުއޮއްސެންދެން ދަނޑުގައި އުޅެންޖެހުނަސް އަޔާން ބަނޑުހައިނުވެ ހިފަހައްޓާލެވޭނެ ވަރަށް އައިޝާ ތައްޔާރުވި އެވެ. 

"ދަރިފުޅާ އަޔާން.. ގުދަންތެރޭގައި ފައްޖަހާފައި ހުރި ގޯނިތަކުގެ  ތެރެއިން ދެ ގޯނި ގެންގޮސް އެތަނުން ބަރޯއެއްގެ ތެރެއަށް ލައިދީފާނަންތަ..؟" މަސައްކަތުގައި އަޔާން ޝާމިލްކުރުވުމަށް އައިޝާ ބޭނުންވި އެވެ.

"މަންމަ ބުނެގެން ހަތަރު ގޯނި ގެންގޮސް ބަރޯއަށް ލާފައި މިއައީ.." ހިނިތުންވަމުން އަޔާން ބުންޏެވެ.

އައިޝާއާއި އަލީޒީ ބަރޯހިފައިގެން ދިޔައިރު އެ ދެ މީހުންނާއި އެއްވަރަށް އަޔާންގެ ބައިސިކަލްގައި އޭނާ މަޑުމަޑުން ދުއްވަމުން ދިޔަ އެވެ. ދަނޑަށް ހިނގުމަކީ ފަސޭހަ ކަމަކަށް ނުވާތީ އަޔާންއަށް ބައިސިކަލްއެއް އަދި އައިޝާއާއި އަލީޒީ ދުއްވުމަށް ސައިކަލެއް މުންޝިރުވަނީ ގަނެދީފަ އެވެ. ދަނޑަށް ހަމައެކަނި ފެންޖަހާލަން ދާންޖެހޭ ދުވަސްތަކުގައި މިހާރު އައިޝާއާއެކު އަލީޒީ ދަނީ ސައިކަލުގަ އެވެ. އެމީހުންނާއި އެއްވަރަށް އަޔާން ދާނީ ބައިސިކަލްގަ އެވެ. 

ދަންޑަށް އާދެވުމާއެކު ބައިސިކަލް ބަހައްޓާފައި މަންމައާއި ބޮޑުދައިތަ ވަނުމަށް ދޮރު ހުޅުވައިދިނީ އަޔާން އެވެ.

"މިއަދު މިރުސް އުފުރަން މަންމަމެން ދޭ.. ކިއުކަމްބާ ކަނޑާފައި ބަރޯއަށް އަޅާފައި މަންމަމެންނަށް ގޮވާލާނަން.. ބަޓާނާ ކަނޑަންދާނީ ތިންކުދިން އެކުގައި.." ނިކަން ބާރަށް ކިއުކަމްބަރ ވެޔޮތަކާއި ދިމާއަށް ދުއްވައިގަންނަމުން އަޔާން ބުންޏެވެ.

ދަނޑުވެރިކަމުގެ މަސައްކަތައް އަޔާން ވަރަށް ބޮޑަށް ޝައުގުވެރިވެ އެ މަސައްކަތުގައި ޝާމިލްވެ އުޅޭތީ އެންމެ އުފާކުރަނީ އަލީޒީ އެވެ. އަލީޒީގެ ހުރިހައި މަސައްކަތެއްގައިވެސް އަޔާން އެހީތެރިވެދެ އެވެ. ކިޔަވައި މޮޅުވެގެން ކިތަންމެމަތީ މަގާމަކަށް ހުވަފެން ދެކުނަސް، ދިރިއުޅުމަށްޓަކައި އެކިއެކި މަސައްކަތްތައް ދަސްކުރުމަކީ މުހިއްމުކަމެއްކަމަށް އަލީޒީ އަބަދުވެސް އަޔާންއަށް ވިސްނައިދެ އެވެ. 

ދެތިން ހަތަރު ގަހަކުން މިރުސްބިނދެ ނިމުނުތަނާ އަލީޒީ ބޮލަށް އެނބުރުން އަރައި، އަރިއަޅައިލި އެވެ. ވެއްޓުމުގެ ކުރިން އޭނާގެ ގައިގައި ހިފެހެއްޓީ އައިޝާ އެވެ. 

"ހެޔޮނުވާނެ ޑޮކްޓަރަކަށް ދައްކާލަން ހިނގާބަލަ... އިހަށް ދުވަހުވެސް އަހަރެން ދުށިން ކާގޭގައި ހުއްޓައި އަރިއަޅައިލިވަގުތު ކައިރީގައި ހުރި ގޮނޑީގައި އަލީޒީ ހިފަހައްޓަނިކޮށް... އެދުވަހުވެސް ބުނީ ތިޔަހެން..! އަޔާން ސްކޫލަށް ދާ ގަޑީގައި މަރުކަޒަށް ދެވިދާނެ.. އޭރުން އެސޮރަކަށް ނޭގޭނެދޯ.." ކިއުކަމްބާތައް ބަރޯއަށް އަޅަން އުޅުނު ދަރިފުޅަށް ބަލައިލަމުން އައިޝާ ބުންޏެވެ.

އަލީޒީގެ ސިއްހީ އެއްވެސް ކަންބޮޑުވުމެއް އަޔާންއަށް ނޭންގުމަށް ނުވަތަ އަޔާންގާތުގައި އެއިން އެއްވެސް ވާހަކައެއް ނުދެއްކުމަށް އަލީޒީވަނީ ރަހްމަތްތެރިކަމުގެ ނަމުގައި އައިޝާ ލައްވައި ހުވައި ކުރުވާފަ އެވެ. އެ ވައުދާ ހިލާފްވުމަށް އައިޝާގެ ހިތް ދުވަހަކުވެސް އެއްބަހެއް ނުވާނެ އެވެ. 

"މާގިނައިރު ފަހާފޮށި ދޮށުގައި އިނދެފައި، ހަނދާންނެތިގެން ނުކައި ހުރެވޭ ދުވަސްދުވަހު އެހެންވަނީ.. ދެން ކޮންމެވެސް އެއްޗެއް ބޮއެލީމަ ރަގަޅުވެދާނެ.. ބަނޑުހައިވީމަ ކޮންމެ މީހަކަށްވެސް އެކަހަލަ ގޮތްގޮތް ވާނެދޯ.." މަޖާވެލާފައި އަލލީޒީ ބުނެލި އެވެ. 

"މިގަސް ނިންމާލާފައި ދެން ހިނގާ ސައިބޯން... ބްރޭކް ނަގާފައި ދެން ކުރިއަށް ގެންދާނީ.. އަލީޒީ ނުކައިހުރިކަން އިނގޭނަމަ މިއަދު ނުވެސް ގެންނާނަން.." އުނގަނޑުގައި އަތްވިއްދާލަމުން އައިޝާ ބުނެލި އެވެ. 

"އަވަސްކުރަން ހިނގާ... ހައެއް ނުޖަހަނީސް ގެއަށް ވަދެވޭތޯ ބަލަންވާނެ.." 

ވަގުތު ބޭކާރު ކުރުމަކީ އަލީޒީއަށް ފަސޭހަކަމެއް ނޫނެވެ. އިރުއޮއްސުމުން އަޔާން ބޭރުގައި ގެންގުޅުމަކީވެސް އަލީޒީއަށް ކަމުދާ ކަމެއް ނޫނެވެ.

...................

"މިރޭ ނިދަން ބޭނުމީ މަންމައާއި އެއްކޮށް.." މިއަދު ސްކޫލްގައި ހިނގާދިޔަ ކަންކަން އަދިވެސް އަޔާން  ހަނދާން ނައްތާނުލާކަން އަލީޒީއަށް ޔަގީންވި އެވެ.

ހުރިހައި ތަރުކާރީއެއް ފޮށިގަނޑުތަކުގައި ބައްދުކުރަން އަލީޒީ އަވަސްވެގަތް ސަބަބަކީވެސް މި އެވެ. އަޔާން މިރޭ އެކަނި ނިދަން ބޭނުންނުވާނެކަން އިނގޭތީ އެވެ. 

ނިދަން ތައްޔާރުވެގެން އައިސް އަޔާންގެ ދުއާފޮތުން އޭނާ ނިދާގަޑީގައި އާންމުކޮށް ކިޔާ ދުއާތައް ކިޔައިނިންމާލަފައި ފޮތްބާއްވައިލަމުން އަލީޒީއަށް ބަލައިލި އެވެ. ހެޑްބޯޑުގައި ލެނގިލަމުން އުނަގަނޑު ދަށަށް ބާލީހެއް ލައްވާލާފައި އަލީޒީ ހަމަޖެހިލި އެވެ. އަދި އުނގުމަތީގައި ބާލީހެއް ބާއްވާލި އެވެ. ލޮލުގެ އިޝާރާތުން އަޔާންއަށް އަންގައިލީ މަންމަގެ އުނގުގައި އޮތް ބާލީހުގައި ބޯއަޅާއިގެން އޮށޯތުމަށެވެ. ދެމައިން ވަކި ކަމަކާއި މަޝްވަރާ ކުރަންވެއްޖެނަމަ، އަލީޒީ އާންމުކޮށް ކަންކުރާ ގޮތަކީ އެއީ އެވެ. އަދި މަންމަގެ އުނގުގައި ބާލީސް ބާއްވައިގެން އޭގައި ބޯއަޅައިގެން ނިދުމަކީ އަޔާން ނުހަނު ބޭނުންކަމެކެވެ.. 

"މަންމަ ސުވާލެއްކޮށްލަންތަ ދަރިފުޅާ..؟" ދަރިފުޅުގެ ބޮލުގެ އިސްތަށިގަނޑުގައި ލޯބިން ފިރުމާލަމުން އަލީޒީ ސުވާލުކޮށްލި އެވެ.

"ހޫމް..." ލޯ މަރައިލަމުން އަޔާން ބުންޏެވެ. 

"އެއްވެސް  މީހަކު، ހަރުކަށިކަމާއި ނަފްރަތާއި، ނުވަތަ ނުރުހުމާއެކު ދަރިފުޅާއި ކުރިމަތިލައިފިނަމަ،، ނުވަތަ މުހާތަބުކޮށްފިނަމަ، އެވަގުތު އެމީހަކާމެދު ކަންތައްކުރާނީ ކިހިނެއް؟" ހިތުގެ ރިހުން އެއްފަރާތް ކުރަމުން ލޯތްބާއެކު ދަރިފުޅަށް ދިރިއުޅުމުގެ ފިލާވަޅު ދަސްކޮށްދެވޭތޯ އަލީޒީ މަސައްކަތްކުރި އެވެ. 

"ހަމަހިމޭންކަމާއެކު، ވީ އެންމެ އަވަހަކަށް އެމީހަކާއި، ނުވަތަ އެ ހާދިސާއަކާއި ދުރަށް ދެވޭތޯ ބަލާނީ.." ލޯ ނުހުޅުވާ އޮވެ، ހިމޭންކަމާއެކު އަޔާން ޖަވާބު ދިނީ ވިސްނާލުމަށްފަހު އެވެ.

"ވަރަށް ރަގަޅު.. އެފަދަ ވަގުތެއްގައި ރައްދު ދިނުމަކީ ރައްކާތެރިކަމަށް ނުވެދާނެ..! ވީ އެންމެ އަވަހަކަށް އެމީހަކާއި ނުވަތަ އެބަޔާއި ދުރަށްގޮސް ދަރިފުޅުގެ ރައްކާތެރިކަން ދަރިފުޅު ހޯދުމަކީ އެންމެ ބުއްދިވެރި ގޮތް.." ދަރިފުޅުގެ ވިސްނުމާއި ފިކުރަށް އަލީޒީ އުފާކުރި އެވެ. 

"އެކަމަކު އެތަނުން ދުރަށް ދިއުމުގެ ކުރިން ބުނަން އެކަށީގެންވާ އެއްޗެއް އޮންނާނެހެން މަންމައަށް ހީވަނީ..! އެއީ، ހަމަ ކުއްލިޔަކަށް ފިލައިގެން ދިއުމަކީވެސް އެންމެ ރަގަޅުގޮތަށް ނުވެދާނެ.. އެކަން ދަރިފުޅަށް އިނގޭތަ..؟" ބޮލުގެ އިސްތަށިގަނޑުގައި ފިރުމަމުން އަލީޒީ ވާހަކަދެއްކި އެވެ. 

"ހޫމްމްމް....! 'ނޯ.. ސްޓޮޕް އިޓް!'

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް