ads
ސަމޯއާ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސަފީރު ގީލާ އަލީ ސޮއިކުރައްވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ
ސަމޯއާ އެގްރީމެންޓުގައި ރާއްޖެއިން ސޮއިކޮށްފި
ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ބައިވެރިވާން ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯއޭސީޕީއެސްގެ އޮފީހުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކިންގްޑަމް އޮފް ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގީލާ އަލީ އެވެ.

އަދި މި އެއްބަސްވުމުގައި ސޮއިކުރުމުން، ރާއްޖޭގެ ގާނޫނު އަސާސީ އަށް ފުށުއަރާ މާއްދާތަކަށް "ޑެކްލަރޭޝަން" އަދި "ރެޒަވޭޝަން" ވެސް ވަނީ ހުށަހަޅާފަ އެވެ.

ސަމޯއާ އެގްރީމަންޓްގައި ސޮއިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވުމުން މަޖިލީހުން އިއްޔެ ވަނީ ރުހުން ދޭން ފާސްކޮށްފަ އެވެ. އެ މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން އެއްބަސްވުމުގައި ބައިވެރިވުމުން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކަށް ހެޔޮ އަގެއް ހޯދަން އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ އެވެ.

"ސަމޯއާ އެގްރީމަންޓް" ގެ ނަމުން އާންމުކޮށް ނަން ދީފައިވާ މި އެއްބަސްވުމަކީ ކުރިއަށް އޮތް ވިހި އަހަރަށް ޔޫރަޕިއަން ޔޫނިއަން އާއި އޯއޭސީޕީއެސްއާ ދެމެދު އޮންނަ ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެއްބަސްވުމެކެވެ.

މި މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ.

މި އެއްބަސްވުމަކީ އޯއޭސީޕީއެސްގެ 79 ގައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ގައުމު ހިމެނޭ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމެކެވެ.

އޯ.އޭ.ސީ.ޕީ.އެސް. އަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމުއިއްޔާއެކެވެ. ދިވެހިރާއްޖެ އޯ.އޭ.ސީ.ޕީ.އެސް.ގެ ފުރިހަމަ މެންބަރު ގައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް