ގަވަރުނަރު ހާޝިމް މަގާމުން ވަކިކުރަން ކޮމެޓީއަށް ހުށައެޅީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމެވެ. ނާޒިމްގެ މި ހުށައެޅުމަށް ކޮމެޓީގައި އިންނަވާ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ފިޔަވައި ދެން ތިބި ހުރިހާ މެންބަރުން ތާއީދު ކުރިއެވެ.
ކޮމެޓީގެ މި ނިންމުން މަޖިލީހަށް ހުށައެޅުމުން މަޖިލީހުން އއެ މައްސަލަ ބަލައިގަނެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި މައްސަލަ ދިރާސާކުރަން އަނެއްކާވެސް މާލިއްޔަތު ކޮމެޓީއަށް ފޮނުވުމަށްް ނިންމަވާފައެވެ.
ހާޝިމް ވަކިކުރަން ކޮމެޓިއަށް ހުށައަޅަމުން ނާޒިމް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބެންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުންނަށް ލޯނު ދޫކުރާވަރު ނުސީދާކޮށް ހިފަހައްޓައި ބެންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ބާރު އަޅާކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހެމުންދާމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ހޯމް މިނިސްޓްރީ އާއި ފުލުހުން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލަ ފާހަގަކޮށްފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މީ އެމްއެމްއޭގެ ފަރާތުން މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލު ކުރަންޖެހޭ ނަމަ އެކަން ކުރަން ޖެހޭ ވަގުތުކަމަށެވެ. އަދި އެކަމަށް އެމްއެމްއޭ ހިންގުމަށް "ތާޒާ އާރޯ ލީޑާޝިޕެއް" ބޭނުންވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.