ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒަށް ލަދާފޭން މާލިއްޔަތު ކޮމެޓީން ނިންމި ނިންމުން މިއަދު ވަނީ މަޖިލީހުން ބަލައިގެންފައެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށް ވަނީ އެ ކޮމެޓީއަށް އަލުން ފޮނުވާފައެވެ.
މި މައްސަލާގައި މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ގަވަރުނަރު ޖަވާބުދާރީވުމަށް މިމަހުގެ 15 ވަނަ ދުވަހު ކޮމެޓީއަށް ހާޒިރުކުރަން ފާސްކޮށްފައެވެ. މީގެއިތުރުން ގަވަރުނަރު ހާޝިމްގެ އަރިހުން ކަަމަކަށް އެދިގެން އެއްބާރުލުން ނުދެއްވާ އޮތްތޯ ބެލުމަށް ފިނޭންސް މިނިސްޓަރަށް ސިޓީއެއް ފޮނުއްވަންވެސް އެ ކޮމެޓީން ވަނީ މިއަދު ފާސްކޮށްފައެވެ.
ހާޝިމް ވަކިކުރަން ކޮމެޓީއަށް ހުށައަޅުއްވަމުން ނާޒިމް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބެންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުންނަށް ލޯނު ދޫކުރާވަރު ނުސީދާކޮށް ހިފަހައްޓައި ބެންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ބާރު އަޅާކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހެމުންދާމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ހޯމް މިނިސްޓްރީ އާއި ފުލުހުން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލަ ފާހަގަކޮށްފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މީ އެމްއެމްއޭގެ ފަރާތުން މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލު ކުރަންޖެހޭ ނަމަ އެކަން ކުރަން ޖެހޭ ވަގުތުކަމަށެވެ. އަދި އެކަމަށް އެމްއެމްއޭ ހިންގުމަށް "ތާޒާ އާރޯ ލީޑާޝިޕެއް" ބޭނުންވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ