ads
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
މެންބަރުންނަކީ ލާރިއެއް ލިބޭނެ ގޮތެއް ނެތް ބައެއް ކަމަށް ގާސިމް ވިދާޅުވުމުން ފާޑުކިޔައިފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަކުރަން ތާއީދު ނުކުރައްވާ ކަމަށާއި މަޖިލީސް މެންބަރުންނަކީ ލާރިއެއް ލިބޭނެ އެހެން ގޮތެއް އޮތް ބައެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވުމުން ގިނަ ބަޔަކު ފާޑުކިޔައިފި އެވެ.
Advertisement

ރައްޔިތުންގެ މަޖލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން "މަހުޖަނު" ގާސިމް ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ނުފެންނަ ކަމަށެވެ. 

އޭނާ ވިދާޅުވީ މެންބަރުންނަކީ ހައްގުގޮތުގައި އެހެން އެއްވެސް ގޮތަކަށް އާމްދަނީ ލިބޭނެ ބައެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސް މެންބަރުންނަކީ އެހެން އެއްވެސް ސިފައެއްގައި ހައްގުގޮތުގައި އަތަށް ލާރިއެއް ލިބެން އޮތް ބައެއް ނޫން. ދައުލަތުގެ އެހެން ހުރިހާ މަސައްކަތްތައްކުރާ ވުޒާރާތަކާއި އަދި އެނޫން އެހެން ކުންފުނިތަކާއި އެތަންތަނުގެ ވެރިންނާއި މުވައްޒަފުންނަށް ލިބޭ ފަދައިން ފައިސާ އަތުގައި ޖެހޭ ބައެއް ނޫން މަޖިލިހުގެ އިއްޒަތްތެރި މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ." ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން، އެކަކަށް މެންބަރުކަން ކުރެވޭނީ އެންމެ ގިނަވެގެން ދެ ދައުރުގައި ކަމަށް ކަނޑައެޅުމާ ވެސް ދެކޮޅު ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެއީ އެއްވެސް ގައުމެއްގައި އަމަލުކުރާ އުސޫލެއް ނޫން ކަމަށެވެ.

ގާސިމަށް ފާޑުކިޔާ މީހަކު ބުނީ އިންސާނުންގެ ހިތަކީ ދުވަހަކުވެސް ފުރޭނެ އެއްޗެއް ނޫން ކަމަށެވެ. ގާސިމް އަށް ވެސް އެހެން ވިދާޅުއެވެވެނީ "ހިތް" ނުފުރޭ ތީ ކަމަށެވެ.

ގާސިމްބެއަށް ލިބޭވަރު އަދިވެސް ކުޑައީ ތަ؟ އިންސާނާގެ ހިތަކީ ފުރޭނެ އެއްޗެއް ނޫން. މުސާރަ ކުޑަނަަމަ މުސާރަ އާއި އެކަށީގެންވާ ވަރުގެ ތައުލީމީ ފެންވަރެއް ވެސް މެންބަރުން ގައިގަ ހުންނަން ޖެހޭނެ. ގާނޫނީ އިލްމު ނެތް ވިޔަފާރިވެރިން ގާނޫނު ހަދަން ވަދެ ތިބެ މި ކިޔަނީ، މުސާރަ ކުޑަ އޭ!

އިތުރު މީހަކު ބުނީ ޓެކްސް ދައްކަންވީމާ ގާސިމްގެ ވާހަކަ ގިނަވާ ކަމަށާއި އަދި ރިސޯޓާއި ކުއްޔަށް ނަގާފައިވާ ފަޅު ރަށްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަން ވެސް ގާސިމަށް ވަރިހަމަ ކަމަށެވެ. 

"ކިހާ ތާހިރު މި މީހުން އަތުން އެއްވެސް އެއްޗެއް އުނިކުރާކަށް ބޭނުމެއް ނޫން. ޢެކަމަކު ޓެކްސް ބޮޑުކޮށް ރައްޔިތުން ފެލަން އޯކޭ.. މީ އަދި މަހުޖަނު ގާސިމްގެ ހާލަތު" ގާސިމަކީ ލަދުގެ ކަންފުޅެއްވެސް ނުހުންނަ އިންސާނެއް ކަން ފާހަކޮށް މީހަކު ކުރި ޕޯސްޓެއްގައި ބުންޏެވެ.

އިތުރު މީހަކު ބުނީ މުޅި ދިވެހިރާއްޖެ ތަބަކަކަށް ލާފަ ދިނަސް ގާސިމްގެ ހިތް ނުފުރޭނެ ކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ މުޅި ނިޒާމް ހަރާބު ކޮށްލުމުގެ ރެކޯޑް އޮތީ ގާސިމް އަތުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މުސާރަ އާއި އެލަވަންސުގެ ގޮތުގައި މަހަކު 85،000ރ. ލިބޭ ކަން ފާހަގަކޮށް އިތުރު މީހަކު ބުނީ އާންމު ރައްޔިތުންނައް ނުލިބޭ އިންޝިއުރަންސް އެއް މަޖިލިސް މެންބަރުންނަށް ލިބޭން ނުޖެހޭ ކަމަށާއި އަދި ހާއްސަކޮށް ވިޔަފާރި މަހުޖަނުން މިފަދަ ސްކީމްތަކުން ބޭރު ކުރަން ޖެހޭ ކަމަށެވެ. 

އިތުރު މީހަކު ބުނީ ގާސިމް ކަހަލަ ތަނަވަސް މީހުން އިންތިހާބަށް ލާރި ދިނަސް ނުހޮވުން މުހިއްމު ކަމަށެވެ. އޭނާ ބުނީ ކަންކަމާއި ވިސްނާ ފިކުރުކުރަން ނުޖެހޭ ފައިސާވެރިންގެ ސަބަބުން ދެރަ ލިބެނީ އަނގަޔާ އަތާ ދިމާނުވާ ނިކަމެތި ރައްޔިތުންނަށް ކަމަށެވެ.

ގާސިމް މިއަދު ވަނީ އާސަންދައާއި ސަބްސިޑީ ހަމައެކަނި ހައްގުވެރިންނަށް ދޭން ވެސް ދެކޮޅު ހައްދަވައިފަ އެވެ. 

"އެންމެ ގިނައިން ސަރުކާރަށް ޓެކްސް ދައްކާ މީހާތޯ ހައްގުނުވަނީ ދައުލަތުން އެހީތެރިކަމާއި އިނާޔަތެއް ލިބެން. މިއީ ސުވާލަކީ،" ގާސިމް ފާހަގަކުރެއްވި އެވެ.

ނަމަވެސް މަޖިލިސް މެންބަރުން އަހަރުން އަހަރަށް އިތުރުވުން ހުއްޓުވުމަށް ގާސިމް ވަނީ ތާއީދުކުރައްވާފައި އެވެ. ވިދާޅުވީ މަޖިލިސް މެންބަރުންގެ އަދަދު އިތުރުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އެ މައްސަލަ އެމްޑީޕީގެ އަގުލަބިއްޔަތު އޮތް 19 ވަނަ މަޖިލީހަށް ވެސް ހުށަހަޅި ކަމަށާއި ނަމަވެސް އޭރު އެ މައްސަލަ ބޭރު ކޮށްލި ކަމަށް ގާސިމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް