ads
ފަނޑިޔާރު ހުސްނުއްސުއޫދު. ފޮޓޯ: މިހާރު
ވާނުވާ ބަންދަށް ސުއޫދުގެ ވިސްނުމުގައި އޮތް ހައްލު
"ވާނުވާ" ބަންދާ ގުޅިގެން އުފެދިފައިވާ މައްސަލަ އާއި ކޯޓުތަކުގެ ޝަރީއަތްތައް ލަސްވުން، ފަނޑިޔާރުން އަމަލު ކުރައްވާ ގޮތުންނާއި ގާނޫނުތަކަށް ގެންނަ ބަދަލަކުން ޝަރީއަތްތައް ވަރަށް ބޮޑަށް އަވަސް ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
Advertisement

ކުރިން ބަންޑާރަ ނާއިބުކަންވެސް ކުރައްވާފައިވާ ސުއޫދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައެވެ. "ވާނުވާ" ބަންދުގައި އެތައް ދުވަހަކު މީހުން ތިބެން ޖެހުމާއި ޝަރީއަތްތައް ލަސްވެ، ބަންދުގެ މުއްދަތު އިންތިހާ އަށް ދިގުވެގެންދާތީ އެކަމުގެ ކަންބޮޑުވުން އަބަދުމެހެން އޮންނައިރު، ޖޭއެސްސީގެ މެންބަރުކަންވެސް ކުރައްވާ ކުރީގެ ބަންޑާރަ ނައިބު ވިދާޅުވީ، ކޯޓުގެ ޖާގަ އާއި ވަސީލަތްތައް ނެތުމުގެ ސަބަބުން ޝަރީއަތްތައް ލަސްވާ ލަސްވުމަކީ މައްސަލައިގެ 50 ޕަސެންޓު ކަމަށާއި ފަނޑިޔާރުން އަމަލު ކުރައްވާ ގޮތުންނާއި ގާނޫނުތަކަށް ގެންނަ ބަދަލަކުން ޝަރީއަތްތައް ވަރަށް ބޮޑަށް އަވަސް ކުރެވޭނެ ކަމަށެވެ.

"ހަމައެކަނި މުވައްޒަފުންނާއި ތަން ލިބުނަކަސް ނުވާނެ. މިހާރު މައްސަލަތައް ބަލާ ގޮތަކީ އެކި ދުވަސްތަކުގެ މައްޗަށް ބަހާލައިގެން. މިސާލަކަށް މިއަދު އަޑުއެހުމެއް އޮތިއްޔާ ދެން ހަ މަސް ފަހުން އޮވެދާނެ. އޭގެ ބަދަލުގައި ކޮންޓިނިއަސް ޓްރައިލްއެއް އޮންނަ ގޮތަށް ބަދަލު ކުރެވިއްޖިއްޔާ ހާއްސަކޮށް ބޮޑެތި މައްސަލަތަކުގައި ވާނުވާގައި މި ތިބެނީ ބޮޑެތި މައްސަލަތަކުގެ މީހުން. އެއީ ގެނެވިދާނެ ބަދަލެއް." ސުއޫދު ވިދާޅުވި އެވެ.

ވާނުވާ ބަންދުގެ ކަންތަކުގައި ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހަސަން ރަޝީދު ވިދާޅުވީ، އެ ކޯޓުގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުން އަދި ވަސީލަތްތައް މަދުވުމަކީ ޝަރީއަތްތައް ލަސްވާން މެދުވެރިވާ ސަބަބެއް ކަމަށެވެ. އެކަން ކަމަށް ހައްލު ހޯދަން ކޯޓަށް އެކަށީގެންވާ ރަނގަޅު އިމާރާތެއް ލިބި، ވަސީލަތްތައް ވެސް އިތުރުވާން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުދި މައްސަލަތައް ވެސް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާ ހަމައިން ސިސްޓަމުގެ ތެރެއަށް ވަނުމުގެ ސަބަބުން ސިސްޓަމް ފުނި ޖެހޭ ކަމަށާއި ގާނޫނުގައި މިހާރު ވެސް އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދެން އެބަ އޮތް ކަމަށް ސުއޫދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް