ads
ދޫކޮށްފައި ނުދާށޭ.. - 17 ވަނަ ބައި
އެޕިސޯޑް 17
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

"ހޫމްމްމް....! 'ނޯ.. ސްޓޮޕް އިޓް!' ކޮންމެހެންވެސް ބުނަން ވަރަށް މުހިއްމު އެއްޗެއް އެއީ.. 'ނޯ ސްޓޮޕް އިޓް!' އަހަރުމެންގައިގައި އެމީހުން ޖަހާފާނެހެން ހީވަންޏާއި ނުވަތަ ޖިސްމާނީ އަނިޔާއެއް ދީފާނެހެން ހީވަންޏާ އެހެން ބުނާނީ.. ދޯ!" އަލީޒީއަށް ބަލައިލަމުން އަޔާން ބުންޏެވެ. 

"އޯކޭ....!!؟؟؟ މިސާލަކަށް އެކުގައި ކުޅެން އުޅޭކަހަލަ ވަގުތެއްގައި އެ ކުއްޖަކު، ނުވަތަ ވަކި ކުދިންތަކެއް ދަރިފުޅު ބައިވެރިކުރުމަށް ދެކޮޅު ހަދާނަމަ ބުނާނީ ކީކޭ..؟ ނޫނީ އެވަގުތު ހަދާނީ ކިހިނެއް؟" ކެއްތެރިކަމާއެކު އަލީޒީ ވާހަކަދައްކަމުންދިޔަ އެވެ. 

"އަޔާން ބުނާނީ... 'އޯކޭ! ތިކުދިން ބޭނުމެއް ނުވޭދޯ ޝެއަރ ކުރާކަށް..! އަޔާން ބައިވެރިކޮށްގެން ކުޅޅެން ތިކުދިން ބޭނުން ނުވަންޏާ،  އަޔާން މިއަދު ކުޅޭނީ އެކަނިމައިއެކަނި..' އެ ގޮތް ކިހިނެއް ވާނީ މަންމާ..؟"

ވަރުބަލިކަމާއެކު ލަސްލަހުން  ލޯ ހުޅުވާލަމުން އަޔާން ސުވާލުކޮށްލީ، އޭނާގެ ނިންމުމަށް މަންމަ އެއްބަސްވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތި އެވެ. 

"ތި ގޮތްވެސް ރަގަޅު..! އެކަމަކު ވަރަށް ހަރުކަށިކޮށް އެފަދަ ވަގުތެއްގައި އެ ބަޔަކު ދަރިފުޅާއި ކުރިމަތިލާން އުޅެފިއްޔާ ދެން ކިހިނެއް ހަދާނީ..؟" 

އަޔާންގެ ޅަ ސިކުނޑިއަށް ވިސްނައިދެވެން އޮތް ހުރިހައި ގޮތަކަށް އެދަރިފުޅަށް ވިސްނައިދެވޭތޯ އަލީޒޒީ މަސައްކަތްކުރަމުން ގެންދިޔައީ، ދުނިޔެއަކީ އެމީހަކު އަމިއްލައަށް ސަލާމަތްކަން ލިބިގަތުމުން ނޫނީ ރައްކާތެރިކަމެއް ނުލިބޭނެ ތަނެއްކަން އަންގައިދިނުމަށެވެ. 

"އެކަމަކު މަންމާ، އެމީހުންގެ ކަންކަމުގައި ނުވަތަ އެމީހުންގެ އުފަލުގައި އަހަރުމެން ބައިވެރިކުރާން ބޭނުން ނުވާ ވަގުތުތަކުގައި، އެކުދިންނާއެކު ބައިވެރިވާން އަޔާންގެ ހިތް ބޭނުންވަންޏާ، އެ ކަމެއް ބަލައިލާން އެކަނިމައިއެކަނި އެތަނުގައި ހޭދަކޮށްލުން ރަގަޅުވާނެތަ؟" ޔަގީން ކަމެއް ނެތް ގޮތަކަށް އަޔާން ސުވާލުކޮށްލި އެވެ.

އަލީޒީގެ ހިތައް ކިތަންމެ ތަދުވިޔަސް އޭނާގެ މޫނުން އެކަން ނުދައްކާވޭތޯ ބެލި އެވެ. އެއްވެސް މީހެއްގެ ދަރިޔަކު ދުވަހެއްގައިވެސް މުޖުތަމައުގައި އެކަނިވެރިވާން މައެއްގެ ހިތެއް ނޭދޭނެ އެވެ. މިވަރު ވޭނެއްގެ ރިހުމާއި ހިތްދަތިކަން އިހްސާސްކުރެވޭނީ އެފަދަ ޒަހަމެއް ތަހަންމަލް ކުރާންޖެހިފައިވާ މީހަކަށެވެ. ލިބެމުން މިދާ ހިތާމައަކީ އަލީޒީއާއި އަޔާންއަށް ހައްގު މިންވަރެއްތޯ އަމިއްލަ ހިތާއި ސުވާލުކުރެވުނު ކިތަންމެ ފަހަރެއް ހިގައްޖެ އެވެ. އެކަމަކު މުޖުތަމައުގެ ގަބޫލުކުރުން ބަދަލުކުރުމުގެ ބާރެއް އެއްވެސް މީހަކަށް ލިބިފައިނުވާތީ، ވަށައިގެންވާ މާހައުލުގެ ހަގީގަތް އަލީޒީއަށް މިފަހަރުވެސް  ޖެހުނީ ހިތުގައި ފޮރުވާށެވެ. 

"ތިއީ ވަރަށް ރަގަޅު ގޮތެއް.. އެކުދިން ބައިވެރި ނުކުރިޔަސް، އެކުދިންގެ އުފަލުގައި ދަރިފުޅަށް ބައިވެރިވެވިދާނެ.. އަދި އެކުދިންގެ ކާމިޔާބުގައި އުފަލާއެކު މަރުހަބާކިޔާލެވިދާނެ.." އެއްވެސް ކަމެއްގައި ކޮޅު ނުބެދޭނެކަން އަޔާންއަށް ސާބިތުކޮށްދޭން އަލީޒީ ބޭނުމެވެ. 

"އެކުދިން ބޭނުންވާ ވަގުތާއި އެކުދިން ބޭނުންވާ ގޮތްތަކަށް މަގުފަހިކޮށްދީފައި އެކަމުގައި އަޔާން ބައިވެރި ނުވީމައި، އަޔާންދެކެ އެކުދިން ހިތްހަމަނުޖެހޭނެ އިތުރު ސަބަބެއް އޮންނާނެހެން ހިއެއްނުވޭ.. އެކަމަކު  ކްލާހުގެ ބައެއްކުދިން ދަރިފުޅު ބާކީ ކުރަނީ އެއްވެސް ކުށެށް ނެތި..! ކުށެށް ނުކުރަންޏާ ކުށްވެރިއެއް ނުވާނެ..! އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ!" އަޔާންގެ އަމިއްލަ ނަފުސުގެ އިތުބާރު ދަމަހައްޓަން އަބަދުވެސް އަލީޒީ ބާރުއަޅަ އެވެ. 

"އެހެން ކަންތައް އެކުރަނީ އެކުދިންނަށް ނުވިސްނޭތީކަމަށް ވެދާނެތަ މަންމާ..؟" މައުސޫމް ހިތުގައި އޮތް ބޮޑު ސުވާލެއް މަންމައާއި ހިއްސާކޮށްލި އެވެ. 

"ތިއީވެސް ވެދާނެ ގޮތެއް.. އެއްކުއްޖަކު އަނެއްކުއްޖަކާމެދު ރަގަޅަށް ކަންކަން ނުކުރިޔަސް، ހަމަ އެ  އުސޫލުން އެކުދިންނާއިމެދު ކަންތައްކުރީމައި އެއްވެސް ކަމެއް ހައްލެއްނުވާނެ.. އެކުދިންނާއިމެދު ރަގަޅަށް ކަންކަން ކުރީމައި ކޮންމެވެސް ދުވަހަކުން އެކުދިންނަށްވެސް އެކަން ވިސްނި، އިސްލާހުވުމުގެ ފުރުސަތު އޮންނާނެ..!" ދަރިފުޅުގެ ނިއްކުރީގައި ބޮސްދެމުން އަލީޒީ ބުނެލި އެވެ.

ވަރުބަލިކަމާއެކު އަޔާން ލޮލުގެ އެސްފިޔަތައް ތަޅުވައިލި އެވެ. ކިތަންމެ ނިދިއައިސްފައިވިޔަސް، އެދަރިފުޅުގެ ސިކުނޑިއާއި ހިތުގައި ހުރި ސުވާލުތައް ނިމުނީ ނޫންކަން އަލީޒީއަށް ޔަގީނެވެ. ނަމަވެސް އެކަމާމެދު އިތުރު ސުވާލލެއް ނުކުރީ އަޔާން އެކަމަށް އިސްނެގުމަށް އަލީޒީ ބޭނުންވާތީ އެވެ.

ހަމަހިމޭންކަމާއެކު ދެމައިންވެސް ލޯ މަރައިލި އެވެ. މަންމަގެ އުނގުގައި އަޔާން ބޯއަޅައިލައިގެން އޮތީ ވިސްނުމެއްގެ ތެރޭގަ އެވެ. ލޯ ނުހުޅުވީ ވަރުބަލިކަމުގެ ސަބަބުންކަމެއް ނުވަތަ ކުރަންބޭނުންވާ ސުވާލުގެ ސަބަބުންކަމެއް އަޔާންއަށްވެސް ނޭގެ އެވެ. އަލީޒީގެ އުނަގަނޑު ދަށަށް ލައްވާލާފައިވާ ބާލީސް ރަގަޅުކޮށްލުމަށްފަހު ހަމަޖެހިލި އެވެ. ކޮޓަރީގެ ތެރޭގައިވަނީ ހަމަހިމޭންކަމެވެ. އެއަރކޯންގެ މަޑުމަޑު ފިނިކަމާއި ދެމައިންގެ ނޭވާގެ އަޑު ފިޔަވައި އެތަނުގައި އިތުރު ހިލަމެއް ނެތެވެ. 

"މަންމާ.. މަންމަގެ ބައްޕައަކީ ކާކު..؟" ހަމަހިމޭން ނޭވާއެއްގެ ތެރެއިން އަޔާން ސުވާލުކޮށްލި އެވެ. 

އަޔާންގެ ސުވާލާއެކު އަލީޒީގެ ދެ ލޯ ބޮޑުވެ، ހަތަރެސްފައިން ލޯލިތައް ކޮޅަށްޖެހިގެން ދިޔަ އެވެ. މިސްރާބުގެ އޮއެ ހުރީ ކޮން ދިމާއަކަށްކަން އަލީޒީ ވިސްނާކަށް ނުޖެހުނެވެ. ދެވަނަ ސުވާލު ކުރިމަތިވީ ފުރަތަމަ ސުވާލު ހަޖަމު ނުކުރެވިގގެން އުޅެނިކޮށެވެ. 

"މަންމަގެ ބައްޕައާއި މަންމަ އެއީ މި ރަށު ބައެއް ނޫން ދޯ..! އެމީހުން ދިރިއުޅެނީ ކޮންތާކު؟" ލޯމަރައިގެން އަޔާން އޮތީ ކީއްވެކަން އަލީޒީއަށް އެނގުނެވެ. 

މަޑުމަޑުން ހިންދިރުވައިލަމުން ދެ ލޯ މަރައި ތަގުޅިކޮށްލި އެވެ. މާޒީއަކީ ތާރީހެވެ. ކޮންމެވެސް ސިފައެއްގައި ތާރީހް އިޔާދަވާނެކަމަށް ފޮތްފޮތުގައި ލިޔެފައިވާ ލިޔުންތަށް ގަބޫލުކުރަންޖެހެނީ މިފަދަ ސަބަބުތައް ހުރީތީ އެވެ. އަލީޒީ ކިތަންމެ ބިރުގަތަސް، އެ މާޒީއާއި ބައްދަލުކުރަންޖެހުނީ އެވެ. ކިތަންމެ އުނދަގުލަސް، މި ފިޔަވަޅު ހުރަސް ނުކޮށް ވާކަށް ނެތެވެ.

"މަންމާ..! ދެރަނުވޭ...! އަޔާން ދުވަހަކުވެސް މަންމަ ދެރައެއް ނުކުރާނަން.. އެކަމަކު ވިސްނާލަބަލަ..! ކޮންމެވެސް ދުވަހަކުން މިސުވާލުތަކުގެ ޖަވާބު އަޔާންއަށްވެސް ލިބެންވާނެނުން.. އެކަންކަން އެނގެން ބޭނުންވަނީ ހަމައެކަނި އަޔާންގެ ހިތްހަމަޖެހުމަށްޓަކައި..! މަންމަ ކޮންމެ ޖަވާބެއް ދިނަސް، އަޔާން ޝުކުރުވެރިވާނަން.. މިއީ މިހާރު ބޮޑު ކުއްޖެއް..! މަންމައާއި ބޮޑު ދައިތަގެ ހުރިހައި ޒިންމާއެއް އުފުލޭވަރަށް އަޔާން މިހާރު ބޮޑުވެއްޖެ.. ކޮންމެ ދިރިއުޅުމަކީ އުފަލާ އަރާމުން ފުރިފައިވާ ދިރިއުޅުމަކަށް ވާކަށްވެސް ނުޖެހޭކަން މިހާރު އަޔާންއަށްވެސް ވިސްނޭ.. މިހައި ޅަ އުމުރުގައި މަންމަގެ ޒިންމާ އުފުލަން ޖެހުމަކީ އަޔާންއަށް ލިބޭނެ އެންމެ އުފާވެރި ނިއުމަތްކަމަށް މަންމަ ގަބޫލުކުރަންޏާ ވަރަށް އުފާވާނެ..! މަންމަގެ ހިތްދަތި ދިރިއުޅުމުން އަޔާންގެ ދިރިއުޅުން ކާމިޔާބުކުރަން ވަރަށް ބޮޑު އެހީއަކަށްވެސް ވެދާނެ...! ތަޖުރިބާއިން ހިތްވަރު ގަދަކުރަން ބުނެދެނީ މަންމަ.. އެހެންވީމައި މަންމަގެ އުފަލުގައި އަޔާން ބައިވެރިކޮށްފައިވާ ފަދައިން މަންމަގެ އއަނދިރި މާޒީގައިވެސް އަޔާން ބައިވެރިކޮށްދީ... ޕްލީޒް މަންމާ! މަންމަދެކެ އަޔާން ވަރަށް ލޯބިވޭ!"

އަޔާން ވަހަކަދެއްކީ ލޯތްބާއި އޯގާތެރިކަމާއެކު މަންމައަށް ވިސްނައިދިނުމަށެވެ. 

ލޯމަރައިގެން އޮވެ ވާހަކަދައްކަމުން މަންމަގެ އުނގަނޑުގައި ދެއަތުން ބައްދައިލި އެވެ. އަދި ހިތްވަރު ދިނުމުގެ ގޮތުން މަންމަގެ ބުރަކަށީގައި އަޔާން ފިރުމައިލި އެވެ. ހަށިގަނޑުގެ ހަރަކާތް ހުއްޓި، މަންމަ ނޭވާ ހިފަހައްޓާލައިގެން އިންކަން އަޔާންއަށް އިނގެ އެވެ. ނަމަވެސް އަޔާންގެ ސުވާލުތަކުގެ ޖަވާބު އެދަރިފުޅު ހޯދާނެ އެވެ. 

"ވަރަށް ބައިވަރު ސުވާލުގެ ޖަވާބު ބޭނުން.." ކުރިއަށްވުރެން ބާރަށް ބައްދައިލަމުން އަޔާން ބުންޏެވެ.. 

އުއްމީދު ނުކުރި ވަގުތެއްގައި ކުރިމަތީލާން މިޖެހުނު އުނދަގޫވަގުތުގައި ކަންކަންކުރަންވީ ރަގަޅު ގޮތެއް އަލީޒީއަކަށް ނުވިސްނުނެވެ. މަޑުމަޑުން ނޭވާލަމުން މަސައްކަތްކުރީ ލޭނާރުތައް ހަމަޔަކަށް އަޅުވައިލުމަށެވެ. ބޮލުގެ ރިހުމާއި އާވިއެރުން މައިތިރިކުރެވޭތޯ އެވެ. 

"ދަރިފުޅާ..! މަންމަގެ މާޒީއަކީ ކިޔަންވެސް އުނދަގޫ އަދި އަޑުއަހަންވެސް އުނދަގޫ ހިތްދަތި ސަފްހާތަކެއް.. ދަރިފުޅުގެ ޅަ ސިކުނޑިއަށް އެ ކަންކަން ވިސްނައިދޭން މަންމައަށް ފަސޭހައެއް ނޫން.." ހަގީގަތް އޮޅުވައިލުމުގެ އެއްވެސް މމަގުސަދެއް އަލީޒީގެ ނެތެވެ. 

"މަންމާ.. އަހަރުމެން ބޮޑު މީހަކަށް ނުވަތަ ކުޑަކުއްޖަކަށްވަނީ ދިރިއުޅުމުގައި އުފުލަންޖެހޭ ޒިންމާތަކަށް ބަލާފައި...! އުމުރުން ފާއިތުވާ ދުވަސްތަކަށް ބަލާފައި ވާއެއްޗެއް ނޫން އެއީ.. މަންމަ ނުދެކެންތަ ފަލަސްތީނުގައި އެތިބަ ކުޑަކުދިން އުފުލާ ޒިންމާ..؟ ދިރިއުޅުމުން އިބްރަތް ލިބިގަންނަންޏާއި އެ ހުރިހައި ކަމަކަށް ވިސްނަންވާނެ.." އަޔާންގެ އަޑުގައި އެކުލެވެނު ޔަގީންކަމާއި ހިތްވަރާއި އަޒުމަށްޓަކައި އަލީޒީ ފަހުރުވެރިވި އެވެ. 

"މާ ޝާ ﷲ.. މަންމަގެ ދަރިފުޅަށް މާތް ﷲ ބަރަކާތްލައްވައި، ދަރިފުޅު ރައްކާތެރިކުރައްވާންދޭވެ.."

ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި އަލީޒީ ފޮހެލީ ދަރިފުޅުގެ މާތް އަހްލާގަށްޓަކައި ފަހްރުވެރިވަމުންނެވެ. 

"މަންމަގެ މާޒީއަކީ ވޭނާއި ހިތްދަތިކަން.. އެ އަޑުތަކަށް ދަރިފުޅުގެ ކަންފަތް އަދި ތައްޔާރެއް ނޫން.. އެއީ ފަސޭހަ ކަމެއްވެސް ނޫން.." އަލީޒީގެ ހިތުގައި އޮތްގޮތަށް ބުންޏެވެ.

"އެއީ ފަސޭހަ ވާހަކަތަކެއްނަމަ،  އެއަޑުއަހަން ބޭނުންވެގެން މަންމަ ގާތު މިރޭ ނޭދޭނަން..." އާދޭހުގެ ރާގުގައި ބުނެލަމުން އަޔާން ބަލައިލީ މަންމަގެ މޫނަށެވެ. އެދަރިފުޅުގެ ލޮލުން ބުނެދެމުން ދިޔަ ވާހަކަތަކާއި ފެނުނު އިހްސާސްތަކުން އަލީޒީގެ ހިތް ރޮއްވާލި އެވެ. ލޯ މަރައިލާފައި ހިތްވަރު ލިބިގަތީ ހަމައެކަނި އަޔާންއަށްޓަކަ އެވެ.

"ދަރިފުޅާ.. މަންމަ މި ބުނާ އެއްވެސް ވާހަކައެއް ދަރިފުޅުގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ.. އެކަން މަންމައަށް ޔަގީން.. އެކަމަކު ވަރަށް ހިތްވަރުކޮށްފައި ކޮންމެވެސް ވަރަކަށް މިރޭ ދަރިފުޅަށް ބުނެދޭނަން.." އަލީޒީގެ ހަޔާތުން އެންމެ އުނދަގޫ ވަގުތުކޮޅުކަން އެނގިހުރެ އަޔާންގެ ބުރަކަށީގައި ފިރުމާލި އެވެ. ހުރިހައި ސަފްހާއެއް ހުޅުވުމުގެ މަގުސަދެއްނެތަސް، އަލީޒީގެ އަނދިރި ސަފްހާތަކަށް އަލިއަޅުވައިލި އެވެ. 

"މަންމަގެ ބައްޕައަކީ މުހައްމަދު ޒަރީރު.. ދަރިފުޅުގެ ކާފައަކީ ވަރަށް މާތް އިންސާނެއް.. ވަރަށް ކެތްތެރި، ވަރަށް އަހްލާގު ރަގަޅު ދުރުވިސްނޭ ބުއްދިވެރިއެއް.. ދަރިފުޅުގެ ކާފައަކީ މާލޭގެ މަޝްހޫރު ވިޔަފާރިވެރިއެއް.. ކޮންސްޓްރަކްޝަން މަސައްކަތުންފެށިގެން އިމްޕޯޓް މުދާ ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށް ހޯލްސޭލް ވިޔަފާރީގައިވެސް އެއީ ނަމްބަރ ވަން..! މަންމައަކީ ހަމައެކަނި ކާފައަށް ލިބުނު ދަރިފުޅު.. މިއީ އަންހެން ދަރިޔަކަށް ވާތީ ވަކި ތަފާތުކުރުމެއް ދުވަހަކުވެސް ނުގެންގުޅޭ.. ބައްޕަ ނެތް ދުވަހަކުން ބައްޕަގެ ވިޔަފާރީގެ ވާރުތަވެރިޔަކީ މަންމަކަމަށްވާތީ އެކަމަށް ތައްޔާރުކުރުމަށް ކުޑަވެސް ޕްރެޝަރެއް މަންމައަށް ނުކުރޭ.. މަންމަ ބޭނުން ކޮންމެ ދާއިރާއަކުން ކިޔެވުމަށް ބައްޕަ ހިތްވަރުދިން.. ދުނިޔޭގެ ކޮންމެ ދިމާއަކަށް ލޯ ހިނގައިލިޔަސް ޖެހިލުމެއްނެތި އުޅެވޭނެވަރަށް މި ދަރިފުޅަށް ދުނިޔެ ދަސްކޮށްދިނުމަށް ހިތްވަރުކުރި ބައްޕައެއް އެއީ..! އަމިއްލަ ނަފުސަށް އިތުބާރުކޮށް އެހެން މީހުންނަށް އޯގާތެރިވެ، އަޅާލައި އިހްތިރާމްކުރުމަށް ދަސްކޮށްދިން.. އެކަމަކު އެ ފިލާވަޅުން ފެއިލްވެ އަމިއްލަ މުސްތަގުބަލް އަނދިރިގަނޑަކަށް ވައްޓާލެވި، އިތުބާރުގެ ލަފުޒާއި މެދު ސުވާލު ކުރުމަށްވެސް މިއަދު ދަރިފުޅުގެ މަންމަ ޖެހިލުންވޭ.. ދަރިފުޅުގެ ކާފަގެ ހުރިހައި އުއްމީދެއް ފުނޑުފުނޑުވެ، އެ ލޮބުވެތި ބައްޕަ ދުނިޔޭގެ ކުރިމަތީގައި އިސްޖަހައިލަން ޖެހުނީ މި ދަރިފުޅުގެ ސަބަބުން.. ދަރިފުޅުގެ ކާފަ މިހާރު މިދުނިއަކު ނެތް..! ބައްޕައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި.."

އަލީޒީގެ ލޮލުން ވެއްޓުނު ކަރުނަ ފޮހެލައިދިނީ އަޔާން އެވެ. 

"އާމީން.." އަޔާން ބުނެލި އެވެ. 

"ކާފަ ނިޔާވުމުން، ކާފަގެ މުދަލާއި ގެއާއި ވިޔަފާރިއަކީ ދަރިފުޅު މާމަގެ އެއްޗެއްކަމަށް ނިންމައި އެހުރިހައި އެއްޗެއްގެ ހަމައެކަނި ހައްގުވެރިއަކީ ދަރިފުޅުގެ މާމައާއި މާމަގެ "ނިއު ފެމިލީ''ކަމަށް ބައެއް ނޫސްތަކުގައިވެސް ލިޔުނު..! އެއީ މަންމައާއި ދަރިފުޅަށް ފޮޓޯއަކުންވެސް ޖާގައެއް ނުލިބޭނެ 'ފެމިލީއެއް'..! އެ މުދަލުން ހައްގު ހޯދުމަށް ދަރިފުޅު މަސައްކަތްކުރާ ދުވަހެއް ދެކެން މަންމަ ދުވަހަކުވެސް ބޭނުމެއް ނުވާނެ..!" 

މާމަގެ މައްޗަށް އަޔާންގެ ހިތުގައި ނަފްރަތު އުފެދުމަކީ އަލީޒީ ބޭނުންވާ ގޮތެއް ނޫނެވެ. އަލީޒީގެ ވާހަކަ އަޑުއަހަމުންދިޔައިރު އަޔާންގެ ހަމަހިމޭންކަން އަލީޒީ ހިތްބިރުގަންނަވާލި އެވެ. ދެމައިންކުރެ އެކަކުވެސް އެއްޗެއް ނުބުނެ ހަމަހހިމޭން ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ވާހަކަދެއްކީ އަޔާން އެވެ. 

"އެންމެ ދަރިފުޅަކު ހުންނައިރު މާމަ، މަންމައަށް އެހައި ދެރަގޮތެއް ހަދާލާފައި އުފަލުގައި އެ އުޅެނީ ކީއްވެބާ..؟" އަޔާން ސުވާލުކޮށްލީ ވިސްނުމުގެ ތެރެއިންނެވެ. 

"އެކަމުގައި މަންމަގެ ކުށެއް އޮތީކަމަށްވެސް ފަހަރެއްގައި ވެދާނެ..!" ހިތާއި ދެކޮޅަށް އަލީޒީ ބުންޏެވެ. 

"އިން ޝާ ﷲ، މަންމަގެ މުޅި ދިރިއުޅުން ދަރިފުޅަށް ކިޔައިދޭނަން.. އެއީ ކޮން ދުވަހަކުން ކަން ބުނާކަށް ނޭގެ.. އެކަމަކު އެއީ މަންމަގެ ވައުދެއް.." ޔަގީންކަމާއެކު އަލީޒީ ބުންޏެވެ. 

"މިރޭ ދެން މާ ލަސްވެއްޖެ.. ނިދާލަން އުޅޭ ދަރިފުޅާ.." ދަރިފުޅުގެ ބޮލުގައި ފިރުމާލާމުން އަލީޒީ ބުންޏެވެ. 

"އަދި އެއް ސުވާލު މަންމާ ..!" ހުށިޔާރު ކަމާއެކު އަޔާން ބުންޏެވެ. 

"އަޔާންގެ ބައްޕައަކީ ކާކު..؟" 

ގަނޑުފެން ބާލިދީއެއް އަލީޒީ މޫނަށް ޖެހިފަދަ އެވެ. ދަރިފުޅުގެ ސުވާލާއެކު އަލީޒީއަށް ތެޅެގަނެވުނެވެ.

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް