ads
ޖޭއެސްސީ
ޖޭއެސްސީއަށް ދަށު ކޯޓުން ފަނޑިޔާރެއް ނެގުމަށް އާ އުސޫލެއް
ޖޭއެސްސީގެ މެންބަރުންގެ ތެރޭގައި ހިމެނޭ، ދަށު ކޯޓުގެ ފަނޑިޔާރުގެ ސްލޮޓަށް، ފަނޑިޔާރެއް އިންތިހާބު ކުރުމަށް އަމަލު ކުރަމުން އައި އުސޫލު އުވާލައި، އާ އުސޫލެއް ގާއިމުކޮށްފި އެވެ.
Advertisement

ޖޭއެސްސީގައި ދަށު ކޯޓުގެ ފަނޑިޔާރުން މިހާރު ތަމްސީލް ކުރައްވަނީ ލ. ފޮނަދޫ މެޖިސްޓްރޭޓް އަލްއުސްތާޒު އަލީ ޝަރީފް އެވެ. އަލީ ޝަރީފު ޖޭއެސްސީއަށް އައްޔަން ކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމުން، އަލީ ޝަރީފުގެ ދައުރު މިހާރުވަނީ ހަމަވާން ގާތްވެފައެވެ. އަލީ ޝަރީފުގެ ދައުރު ހަމަވުމުގެ ކުރިން އާ ފަނޑިޔާރަކު އިންތިހާބު ކުރާނެ އެވެ.  

އާ ފަނޑިޔާރަކު އިންތިހާބު ކުރުމުގެ މުއްދަތު ގާތްވެފައިވަނިކޮށް، ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެއް އިންތިހާބު ކުރުމަށް އާ އުސޫލެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވަނީ އެކުލަވާލައި މިއަދު އާއްމުކޮށްފަ އެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބާ ގުޅޭ އުސޫލު މިއަދު ގެޒެޓުކޮށްފައިވާއިރު، ކުރިއެކޭ އެއްގޮތަށް މި އިންތިހާބުވެސް ބާއްވާނީ އިލެކްޓްރޯނިކް ކޮށެވެ. މި އިންތިހާބުގައި ވާދަކުރެވޭނީ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް އެކަންޏެވެ. އިންތިހާބު ކުރާ ފަނޑިޔާރުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.

މިއަދު ގެޒެޓުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ދަށު ކޯޓަށް ފަނޑިޔާރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގެ ކަންތައްތައް ބެލެހެއްޓުމަށް ޑީޖޭއޭއިން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުވަލައިލާނެ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނަށް، ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގެ އެންމެހައި ކަންކަން ވިލަރެސް ކުރާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

ޖޭއެސްސީގެ ގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ މަޖިލީހުގެ ރައީސާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކާއި، އާންމުންގެ ތެރެއިން މީހަކާ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ އައްޔަން ކުރައްވާ ބޭފުޅަކާއި، ބަންޑާރަނައިބު އަދި ގާނޫނީ ވަކީލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް