އިގިރޭސި ފޯވާޑް، ޖޫޑް ބެލިންހަމްގެ މައްސަލަ ޔުއެފާއިން ތަހުގީގު ކުރަން ފަށާފައިވާއިރު، އޭނާ ސަސްޕެންޑްކޮށްފާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
އެހެން ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ބެލިންހަމް ސަސްޕެންޑް ނުކުރިނަމަވެސް ބޮޑު ޖޫރިމަނާއެއް ކުރާނެއެވެ. ބެލެވޭ ގޮތުގައި ކުއާޓާ ފައިނަލްގައި ހޮނިހިރު ދުވަހުގެ ރޭ އިންގްލަންޑާ ސްވިޒަލޭންޑް މެޗުގެ ކުރިން ބެލިންހަމްގެ މައްސަލައާމެދު ޔުއެފާއިން ގޮތެއް ނިންމާނެއެވެ.
ޔުއެފާއިން ތަހުގީގު ކުރަމުން އަންނަނީ ބެލިންހަމް ސަޕޯޓަރުންނާ ދިމާއަށް ވައްތަރެއް ޖެއްސި މައްސަލައެވެ. މި މައްސަލައާ ގުޅިގެން ބަލިންހަމްއަށް ޖަވާބުދާރީވުމުގެ ފުރުސަތު ޔުއެފާއިންވަނީ ދީފައެވެ.
ސްލޮވޭކިއާ ކޮޅަށް ބެލިންހަމް ދެވަނަ ބުރުގައި ޖެހި ލަނޑަކީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ މޮޅު އެއް ލަނޑެވެ.