ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ގައުމަށް ފާގަތިކަން ހޯދަން ގުޅިގެން މަސައްކަތްކުރަން އެދިވަޑައިގެންފި
ހިޖްރީ އާ އަހަރާއެކު ކޮންމެ ދިވެއްސަކުވެސް އަޒުމް ކަނޑައަޅަންވީ ގައުމަށް ފާގަތިކަން ހޯދަން ގުޅިގެން މަސައްކަތްކުރުމަށްކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ މަދީނާގައި ރަސޫލާ ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ ގައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމު ކަން ކަމަށެވެ.

ވޭތުވެ މިދިޔަ އެތައް އަހަރަކު އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި، ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް އެތައް ބިދޭސީއަކު ދަނީ ދިރިއުޅެމުން ކަމަށާއި މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި، މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖްތަމައު އިހުމާލުވެފައިވާއިރު، ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ހަރަދުބަރަދު ކުޑަކުރުން ފަދަ އާދަތަކަށް އަހުލުވެރިވުން ކުޑަވެފައިވާ ކަމަށެވެ.

"މާނަވީ ގޮތުން ބަލާއިރު، ހިޖުރަކުރުމުގެ މާނައަކީ ވެސް އިންސާނާ ހުރި ހާލަތުން، އެއަށް ވުރެ ރަނގަޅު ހެޔޮ ގޮތްތަކަކަށް ރުޖޫއަވުމެވެ. ވީމާ، އާ އަހަރާ އެކު އަޅުގަނޑުމެންގެ އަޒުމަކަށް ވާންވީ، ދިވެހިރާއްޖޭގެ މާދަމާގެ ސަލާމަތާއި ފުދުންތެރިކަމާއި ތަމައްދުނަށްޓަކައި ސަރުކާރުން ފަށާފައިވާ އިސްލާހީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމެވެ. އެންމެން އެއް ރޫހެއްގައި މި ގައުމުގެ ކުރިމަގަށްޓަކައި މަސައްކަތް ފެށުމެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި މިވަގުތު މުޅި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ފަލަސްތީނުގެ މައްސަލަކަން ފާހަގަކުރައްވާ އެކަމުން އަރައިގަތުމަށްޓަކައި ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައި ހިފަންޖެހޭކަމަށް ވިދާޅުވި އެވެ. އަދި މުޅި އިސްލާމީ އުއްމަތަށްޓަކައި އިސްނަގާ އަޑު އުފުލާނެ ބައެއްގެ ގޮތުގައި ދިވެހީން އަބަދުވެސް ތިބޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ހިތާބު ނިންމަވާލެއްވީ މިފެށިގެން ދިޔަ އާ އަހަރަކީ މާތްﷲގެ މަދަދާއެކު ރާއްޖެއަށް ފާގަތި އަހަރެއްކަމުގައި ލެއްވުން އެދި ދުއާކުރައްވަމުންނެވެ. އަދި އެމަގުން އެމަނިކުފާނުގެ ސަރުކާރުން ރެއާއި ދުވާލު މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް