ގައްސާން މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގައްސާން ވިދާޅުވީ ރައީސްކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ރައީސް ކުރެއްވި މަސައްކަތްޕުޅަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ދެނެވަޑައިގަތުން ކަމަށެވެ. އެއަށްފަހު ދިވެހި ދައުލަތުގެ އެންމެ އިސް ޑިޕްލޮމެޓުގެ ހައިސިއްޔަތުން ރައީސް އިހުތިޔާރުކުރެއްވީ ޑިޕްލޮމެސީގެ އުސޫލުން އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފައިބައިގެން ގޮސްފައިވާކަން ކަށަވަރުކޮށްދެއްވަމުން ދިވެހިންނަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް ރައީސް ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރެއްވުމާއެކު، ގައްސާން ވިދާޅުވީ މިނިވަންކަމާއި އިސްތިގުލާލުގެ ދިފާއުގައި ރައީސް ފެއްޓެވި ދެވަނަ މަސައްކަތަކީ ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ.
އެގޮތުން މިހާރު ސިފައިންގެ ވައިގެ ބާރު ގާއިމުކޮށް، އެ ބާރަށް ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ ޔޫއޭވީ ނުވަތަ ޑްރޯނު ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރައްވަމުން ގައްސާން ވިދާޅުވީ މިއީ ސިފައިންގެ ގާބިލިއްޔަތު އިތުރުކުރައްވަން ރައީސް ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ފެށުމެއް ކަމަށެވެ.