
ރިޕޯޓްތައް ބުނާ ގޮތުން، އެފްއޭއެމްގެ ކަންތަކުގައި އަމަލު ކުރާނެ ގޮތުގެ ލަފައަކަށް ފީފާގައި ސްޕޯޓްސް ކޮމިޝަނަރު މިއަދު އެދޭނެއެވެ. އެކަމުގައި ސަރުކާރުގެ ސްޓޭންޑަކީ ފީފާ އާއި އޭއެފްސީން ނިންމާ ނިންމުމެއް ބަލައިގަތުމެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު މި މަހުގެ ދެވަނަ ދުވަހު ހަމަވެ، އެ އިދާރާވަނީ މިހާރު ގާނޫނީ ހުސްކަމަކަށް ގޮސްފައެވެ. އެފްއޭއެމްގެ އެންމެ ފަހުން އިންތިހާބު ކުރި ހިންގާ ކޮމިޓީގެ ދައުރު ހަމަވީއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ހުރީ ފީފާއިން ސަސްޕެންޑްކޮށްފައެވެ.
އެފްއޭއެމްގެ ދައުރު ހަމަވެ، ގާނޫނީ ގޮތުން އެ އިދާރާގެ ހިންގުން ހުސްކަމަކަށް ދިޔައިރު، އެތައް ބަޔަކަށް އެ އިދާރާވަނީ ދަރާފައެވެ. ކޯޓުގައި އެތައް މައްސަލައެކެވެ. އަދި އެ އިދާރާގެ ފައިސާއަށް ހިޔާނަތްތެރިވެގެން ބައްސާމްގެ މައްޗަށްވަނީ ޖިނާއީ ދައުވާ އުފުލާފައެވެ.