މަޖިލީހަށް ރައީސް މުއިއްޒު މިއަދު ފޮނުއްވެވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމާއި ޝަރީއަތް ހިންގުމުގައި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދިނުމަށްޓަކާ އެކުަލަވާލާފައިވާ "ޓްރިޓީ ބިޓުވީން ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ގަވަމެންޓު އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަންލިކް އޮފް ސްރީލަންކާ އިން މިއުޗުއަލް ލީގަލް އެސިސްޓެންސް އޮން ކްރިމިނަލް މެޓާސް" ދިވެހި ރާއްޖެއިން ތަސްދީގުކުރަން ފެންނަ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަަށެވެ.
އެހެން ނަމަވެސް ދިވެހި ސަރުކާރުން ގައުމުތަކާއި ސަރުކާރުތަކާ އެކު ސޮއިކުރާ މުއާހަދާތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ޖެހޭ އެއްވެސް ބާވަތެއްގެ މުއާހަދާއެއްގައި ސޮއިކުރަން ވާނީ މަޖިލީހުގެ ރުހުމާ އެކުކަމަށް ގާނޫނުގައި ބުނާކަމަށް ރައީސްގެ ސިޓީފުޅުގައި ފާހަގަކޮށްފައި ވެ އެވެ.
ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު ބައިވެރިވާ މުއާހަދާތަކުގެ ތެރެިއން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ޖެހޭ ބާވަތުގެ މުއާހަދާތަކުގައި ސޮއިކުރަން ވާނީ މަޖިލީހުގެ ރުހުމާ އެކުގައި ކަމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ 2 ގައި ބަޔާން ކޮށްފައި ވެ އެވެ.
އެހެންވެ، ރައީސް މުއިއްޒު ފޮނުވި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ފޮނުވަން މަޖިލީހުގެ ރިޔާސަތުން މިއަދު ނިންމި އެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2011 ވަނަ އަހަރެވެ.