ads
ޑިފެންސް މިނިސްޓަރު މުޙަހައްސާން މައުމޫން: ވިދާޅުވީ ޓެކްނޮލޮޖީގެ އެހީގައި ޒުވާނުން ނިރުބަވެރިކަމުގެ ތެރެއަށް ވެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް - ފޮޓޯ: ރައީސް އޮފީސް
ޓެރަރިޒަމްގެ ނުރައްކާތެރި ރަނގަބީލުގެ އަޑު ރާއްޖޭގައި ގަދަވެއްޖެ: ގައްސާން
ޓެރަރިޒަމގެ ނުރައްކާތެރި ރަނގަބީލްގެ އަޑު ރާއްޖޭގައި ގަދަވެއްޖެ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިއުރިޓީ ފެށުމަށް ބާއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ގައްސާން ވިދާޅުވީ ގައުމުތަކަށް ދިމާވާ ސަލާމަތީ ގޮންޖެހުންތައް ލިސްޓްކޮށްފިނަމަ ނިރުބަވެރިކަމާ އެކަމަށް މަގުފަހިކޮށްދޭ އަމަލުތަައް އެންމެ މަތީގައި މިހާރި ލިސްޓްކުރެވޭނެކަމަށެވެ. އަދި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެ ފަދަ ނިރުބަވެރިކަމުގެ ތެރެއަށް އާ މީހުން ލެންބެވުމުގެ މަސައްކަތް ކުރަމުންދާކަން އެންމެން ވެސް ދަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް މި ފަދަ ހަމަލާތައް ދީފައިވާ ކަމަށް މިނިސްޓަރުވަނީ ވިދާޅުވެފަ އެވެ. 

"ވޭތުވެދިޔަ 40 އަކަށް އަހރުގެ ތެރޭގައި ފަނޑު ފިޔަވަޅުތަކެއްހެން އަޅުގަނޑުމެންގެ ރާއްޖޭގައި އިވެންފެށި ބިރުވެރި އަޑު މިއަދު ގަދަ ރަނގަބީލަކަށް ވެއްޖެ، އެކި އެކި ނިރުބަވެރި ހަރަކާތައް ހިންގާ މީހުން އަޅުގަނޑުމެންގެ މުޖްތަމައުގަ އުޅެން ފަށައިފި ވަރަށް ހާމަކަން ބޮޑުގޮތެއްގައި މިފަދަ ފިކުރުތައް އާ މީހުން ލެންބެވުމުމުގެ މަސައްކަތްކުރާ މީހުން އުޅޭކަން އެންމެނަށްވެސް އެނގޭ" ގައްސާން ވިދާޅުވި އެވެ.

އަތޮޅު ތެރޭގައާއި މާލޭގައި އެންމެންގެ ކުރިމަތީގައި އެފަދަ އަމަލުތަކާއި ހަމަލާތައް ދީގެން، ފަހަކަށް އައިސް ރައްޔިތުން އާންމު ހާލަތުގައި ބޭނުން ކުރާ ޓެކްނޮލޮޖީއާ ވަސީލަތްތަކާއި، ޕްލެޓްފޯމްތައް ބޭނުންކޮށްގެން އާ މީހުން އެފަދަ ނުރައްކާތެރި ހަރަކާތްތަކުގެ ތެރެއަށް ވެއްދުމުގެ މަސައްކަތްތައް ފަށާފައިވާކަން ވަރަށް ބޮޑަށް ފާހަގަކުރެވޭކަމަށް ގައްސާން ވިދާޅުވި އެވެ.

"ހިތާމައަކީ މިފަދަ ޓެކްނޮލޮޖިކަލް ޕްލެޓްފޯމްތައް ބޭނުން ކުރުމުން މިކަމުގެ ޝިކާރައަކަށް ވެގެންދަނީ އަޅުގަނޑުމެންގެ ލޮބުވެތި ޒުވާނުން، ގައުމަށް އެންމެ ބޭނުންވާ ވަގުތު ތަރައްގީގެ މަޝްރުއުތައް ހިންގުމަށް، ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް، ޒުވާނުން ޝާމިލްވާން އެންމެ މުހިއްމުވާ ވަގުތު އެ ޒުވާން ސިކުނޑިތަކަށް ފޯރުކޮށްމިދެނީ ޓެކްނޮލޮޖިކަލް ޕްލެޓްފޯމްގެ ފަހަތުގައި ފިލާ ބަޔަކު ތިބެގެން ގައުމަށް ގެއްލުންދޭ ފިކުރުތައް.އެއްވެސް ހާލެއްގައި އަޅުގަނޑުމެންފަދަ ކުޑަ ގައުމެއްގައި އަދި އެނޫންވެސް އެއްވެސް ގައުމެއްގައި އިންސާނުން ދިރިއުޅޭ މުޖްތަަމައެއްގައި ކުރަން ނުވާ ފަދަ ކަންތައްތައް ކުރުމުގެ ފިކުރުތައް" ގައްސާން ވިދާޅުވި އެވެ.

މިއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކާ އަދި ހައްސާސް މައްސަލައެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި ނުރައްކާތެރި ވަބާއިން ސަލާމަތްވުމަށްޓަކައި ދައުލަތުގެ 3 ބާރު، ސަރުކާރުގެ ހުރިހާ އިދާރާއްކާއި އަމިއްލަ ހުރިހާ ޖަމިއްޔާއާ ޖަމާއަތްތަކާއި އެއްކޮށް އެކަތިގަނޑެއްހެން މަސައްކަތްކުރަން ޖެހިފައިވާކަމަށް ވެސް ގައްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމްގެ އަަމަލުތައް ހުއްޓުވުމަށް ހުރި ގޮންޖެހުންތައް ކުރިޔަށްވުރެ ބޮޑު ކަމަށެވެ. އެހެން ނަމަވެސް އެ ކަން ހުއްޓުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ދަ ނޭޝަނަލް ހައި ލެވެލް ކޮންފަރެންސް އޮން ޕީސް އެންޑް ސެކިޔުރިޓީއަކީ ނެޝަނަލް ކައުންޓަރ ޓެރޮރިޒަމް ސެންޓަރާއި ލައިން އެޖެންސީތަކުން ސަރުކާރުގެ އިސްވެރިންނާއެކު ޓެރަރިޒަމް ހުއްޓުވުމަށާއި ޓެރަރިޒަމަށް މަގުފަހިވާ އަނިޔާވެރި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް މަސައްކަތްތަކެއް ކުރުމުގައި އިސްކަންދޭ ކަންތައްތަކާއި ސިޔާސަތުތައް ކުރިއެރުވުމަށްޓަކައި މަޝްވަރާކޮށް މަޢޫލޫމާތު ބަދަލުކުރުމަށް އެހީތެރިވެދިނުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް