މި ހުކުމްކޮށްފައިވަނީ އަމިއްލަ ވިޔަފާރިވެރިއެއްގެ މައްޗަށެވެ.
ކަސްޓަމްސްއިން ދައުވާކުރި މައްސަލާގައި ބުނެފައިވަނީ މި ވިޔަފާރިވެރިޔާ ފްލައިވުޑް އަދި ޓިމްބަރގެ ގޮތުގައި ކަސްޓަމުން ނެރެގެންދިޔަ ދެ ކޮންޓައިނަރެއްގައި ވެހިކަލްތަކެއް ފޮރުވައިގެން ނެރެފައިވާކަމަށެވެ. މި ކޮންޓެންނަރުގައި ސިއްރުން ރާއްޖެ އެތެރެކޮށްފައިވަނީ 22 ވެހިކަލާއި ސްޕެއާ ޕާޓްސްތަކެކެވެ.
ކަސްޓަމްސް އިން ބުނީ މި މައްސަލަ އެ އިދާރާއިން ބެލުމުން ސިއްރުން ރާއްޖެއަށް ވެހިކަލްތަކެއް އެތެރެކުރިކަން ތަހުގީގަށް ސާބިތުވެފައިވާކަމަށެވެ. އެހެންކަމުން އެތަކެތި ދައުލަތަށް ނަގާދިނުމަށް ކަސްޓަމްސް އިން ވަނީ ކޯޓުގައި އެދިފައެވެ.
މި މައްސަލާގައި އެ ތަކެތި އެތެކުރި ވިޔަފާރިވެރިޔާ ބުނެފައިވަނީ އެ ތަކެއްޗަކީ އޭނާގެ މުދާ ނޫންކަމަށާއި އެތަކެތި ދައުލަތަށް ނެގުމަށް އިއުތިރާޒުު ނުކުރާކަމަށެވެ. އެހެންނަމަވެސް އޭނާއަށް ދީފައިވާ ލޮގިންނާއި ޕާސްވޯޑް ބޭނުންކޮށް ނޭގި މުދާ އެތެރެ ނުކުރެވޭނެކަމަށް ކަސްޓަމްސްގެ ދައުވާގައިވެއެވެ.
މައްސަލަ ނިންމާ ސިވިލްކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ އެ ވެހިކަލްތަކަކީ ދައުވާ ލިބޭ މީހާއާ ގުޅުން ހުރި އެއްޗެއް ނޫންކަމަށް އޭނާ ބުނި ނަމަވެސް އެތަކެތި އެތެރެކޮށްްފައިވަނީ އޭނާގެ ނަމާއި ޔޫޒާ ނޭމާއި ލޮގިން ޕާސްވޯޑް ބޭނުންކޮށްގެންކަމަށެވެ. އަދި އެ ލޮގިން ބޭނުންކުރީ އޭނާ ނޫންކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.
އެހެންކަމުން މީ ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ މުދާކަން މަދަނީ މިންގަޑުން ސާބިތުވާކަމަށާއި އެ ތަކެތި ދައުލަތަށް ނެގުމަށް އަމުރުކުރާކަމަށް އެ ހުކުމްގައިވެއެވެ.