
ޝަހީމް މިހެން ވިދާޅުވެފައި މިވަނީ އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުންނާއި އެއްބަނޑު އެއްބަފާ ކޮއްކޮއަށް ސަރުކާރުގެ އިސް މަގާމުތަކެއް ލިބުމުން އެކަން ބައެއް މީޑިއާތަކުން ރިޕޯޓްކުރުމުންނެވެ.
ޝަހީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު ޝިފާޒް އަލީ ސައީދު ސަރުކާރުން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ނައިބަކަށް އައްޔަނުކޮށްފައެވެ. އަދި ޝަހީމްގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމްވަނީ މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ އިސް މަގާމަކަށް އައްޔަންކޮށްފައެވެ. އަދި އަނބިކަނބަލުން ފާތިމަތު އާފިޔާ އަކީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ މެމްބަރެކެވެ.
އަނބިކަނބަލުން ފާތިމަތު އާފިޔާ އަދި އެއްބަނޑު އެއްބަފާ ކޮއްކޮ އަހްމަދު ޝިފާޒް
މި ކަމާއި ގުޅިގެން ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިކަލުންނާއި އާއިލީ މެމްބަރުންނަށް މަތީ މަގާމުތަކުން ފުރުސަތު ލިބުނީ ކިޔަވައިގެން ތިބީކަމަށެވެ. އަދި އެކަމުގައި ނާޖައިޒް ގޮތުގައި ކުރިކަމެއް ނޯންނާނެކަމަށްް ޝަހީމް ވިދާޅުވިއެވެ.
ޝަހީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޓްއަރިޒަމް މިނިސްޓްރީގެ ނައިބަކަށް އައްޔަންކުރުމުން އެ މިނިސްޓްރީގެ ނައިބުންގެ އަދަދު ވަނީ 10 އަރާފައެވެ. މިނިސްޓަރެއް ނައިބުގެ މުސާރަ 35،000 އަރައެވެ.
ޝަހީމްގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމަށް މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން މުސާރައާއި އިނާޔަތުގެ ގޮތުގައި 104،000 ރުފިޔާ ލިބެއެވެ.