
ލޭ ހަދިޔާކުރަން އެލިއާ އިން ކޮންމެ އަހަރަކު ބާއްވާ މި ކޭމްޕް މި އަހަރު އޮންނާނީ އަންނަ ހޮނިހިރުދުވަހު މާގިރި ހޮޓަލުގަ އެވެ.
މޯލްޑިވްސް ބްލަޑް ސާވިސްއާ އެކު އެލިއާއިން ބާއްވާ މި ކޭމްޕުގައި ހެނދުނު 9 އިން އިރުއޮއްސި 6 ޖެހުމާ ހަމައަށް ލޭ ހަދިޔާކުރެވޭނެ އެވެ.
އާންމުންނަށް ހުޅުވާލާފައިވާ އެ ކޭމްޕްގެ މަގްސަދަކީ ތެލެސީމިއާ ފަރުވާ ހޯދާ މީހުންނާއި، އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އިތުރުން އޮޕަރޭޝަން ކުރުމަށް ލޭ ބޭނުންވާ މީހުންނަށް ލޭ ފޯރުކޮށްދިނުމެވެ.
ލޭ ހަދިޔާ ކުރުމުގެ ޕްރޮސެސްގައި އަލަށް ލޭ ހަދިޔާ ކުރާ މީހުންނަށް ފަސޭހަ މާހައުލެއްގައި އެކަން ކުރެވެ އެވެ. އަދި ޑޮނޭޝަން ޕްރޮސެސް ނިމެންދެން ރައްކާތެރިކަން ކަށަވަރު ކުރެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ކޭމްޕްގެ އެއް އަމާޒަކީ، އަނެކާއަށް ބޭނުން ޖެހޭ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތަައްޔާރަށް ތިބޭ މުޖުތަމައުއެއް ބިނާ ކުރުމެވެ.
މިއަހަރު ވެސް މި ކޭމްޕް ކުރިއަށް ދާއިރު ބޯޑްގޭމުތައް ކުޅެވޭނެ އިންތިޒާމު ހުންނާނެ އެވެ. މި ކޭމްޕުގައި އެލިއާގެ ގިނަ މުވައްޒަފުން ވެސް ލޭ ހަދިޔާ ކުރެ އެވެ. އެލިއާ އިން ބުނީ ވީހާ ވެސް ގިނަ ބަޔަކު މި ކޭމްޕު މެދުވެރިކޮށް ލޭ ހަދިޔާކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.