ads
ހަލީމަތު ލަމްހާ ހައިކޯޓުގައި
މޭރީގެ މަރުގެ ކޭސްގައި ލަމްހާގެ ދައްތަ ހެކިބަސް ދީފި
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސް ނަރުސް، މެރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަލީމަތު އަބްދުއްރަހުމާނުގެ ދައްތަ ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހާޒިރުވެ ޝަރީއަތަށް ހެކިބަސް ދީފި އެވެ.
Advertisement

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން، އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މެރީ ގްރޭސް މަރާލި ކަމަށް ބުނާ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާ އަބްދުއްރަހުމާން އަދި އޭނާގެ ލޯބިވެރިޔާ، މޭރީގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށެވެ.  

މި މައްސަލާގައި ޝަރީއަތުގައި ލަމްހާގެ ދައްތައަށް ހެކިބަސް ދިނުމަށް ނޯޓިސް ފޮނުވި ނަމަވެސް ކުރިން ޝަރީއަތަށް ހާޒިރުވެފައެއް ނުވެ އެވެ. އެންމެ ފަހުން ހައްޔަރުކޮށްގެން ވެސް ހެކިވެރިޔާ ހާޒިރުކުރުމަށް ޕީޖީން އެދިފައިވަނިކޮށް ލަމްހާގެ ދައްތަ ވަނީ ޝަރީއަތަށް ހެކިބަސް ދީފަ އެވެ. ލަމްހާގެ ދައްތަ ވަނީ ކުރިން ފުލުހުންގެ ތަހުގީގަށް ވެސް ބަޔާނެއް ދީފަ އެވެ.

ހެކިބަސް ދެމުން ލަމްހާގެ ދައްތަ ބުނީ މޭރީ މަރުވި ދުވަހު އޭނާއާއި މާވިންގެ ދަރިފުޅު ގޮވައިގެން ލަމްހާ ދިރިއުޅޭ ގެއަށް މާވިން އައި ކަމަށެވެ. އެ ގޭގައި އުޅެނީ ލަމްހާ އާއި އޭނާގެ ދައްތަގެ އިތުރުން އެ ދެ މީހުންގެ މަންމަ، އަދި ލަމްހާ ދައްތަގެ ދަރިފުޅެވެ. މާވިން އާއި ލަމްހާއާ ދެމެދު އޮންނަ ގުޅުމާ ގުޅޭ ގޮތުން ފުރަތަމަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ލަމްހާގެ ދައްތަ ބުންޏެވެ. މޭރީ މަރުވި ދުވަހު ދަރިފުޅު ގެނައީ ކީއްކުރަން ކަމެއް ވެސް ނާހާ ކަމަށެވެ. އަދި މާވިނާ މާ ގިނައިން ވާހަކަ ނުދައްކާ ކަމަށް ބުންޏެވެ.

ލަމްހާގެ ދައްތަ ބުނި ގޮތުގައި އެ ކަންކަން ނާހަނީ އެއީ އެ ދެ މީހުންގެ ދެމެދު އޮތް ޒާތީ ކަމެއް ގޮތަށް ދެކޭތީ އެވެ. ނަމަވެސް ނޫސްތަކުގައި މާވިނާ ގުޅޭ ގޮތުން ހަބަރުތައް ފެންނަން ފެށުމުން ލަމްހާ ކައިރީގައި ސުވާލުކުރި ކަމަށާއި ސުވާލު ކުރުމުން ލަމްހާއާ ލޯބީގެ ގޮތުން މާވިން ގުޅިގެން އުޅޭ ކަން ބުނި ކަމަށް އޭނާގެ ދައްތަ ބުންޏެވެ. އަދި އެ ކަމާ މޭރީ ހިތްހަމަނުޖެހިގެން އުޅުނު ކަމަށް ވެސް ބުންޏެވެ.

ސުވާލު އުފެދޭ ފަދަ ގޮތަކަށް މޭރީ މަރުވެފައި އޮއްވާ ފެނިފައި ވަނީ އޮކްޓޯބަރު 19، 2021 ގަ އެވެ. މޭރީ މަރާލާފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭ ކަމާއި، މަރާލާފައި ވަނީ އަނިޔާވެރި ކަމާއެކު ރަހުމު ކުޑަ ގޮތަކަށް ކަން ރިޕޯޓްތައް ބުނެއެވެ. މޭރީއަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާ އަކީ ކެޝުއަލްޓީގައި މަސައްކަތް ނަރުހުންނެވެ.

މޭރީ އާއި މާވިން ކައިވެނިކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މޭރީ ކުރިން މަސައްކަތްކޮށްފައި ވަނީ ފްރެސިނިއަސް މެޑިކަލް ކެއާގަ އެވެ. އެއީ ޑަޔަލަސިސް ހެދުމާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ފަރުވާދޭ ސެންޓަރެކެވެ.

މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު، އެ ކަން ކުރީ އޭނާގެ ފިރިމީހާ މާވިން އާއި މާވިންގެ ލޯބިވެރިޔާ ލަމްހާ ކަމަށް ދައުލަތުން ބުނެ އެވެ.  މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް