ދެކުނު އޭޝިއާގެ ގަދަ ބާރެއް ކަމަށްވާ ބަޝަންދުރާ ކިންގްސްގެ ހެޑް ކޯޗު ކަމަށް ހަމަ ޖެއްސި ޓީޓާއަކީ އޭޝިއާގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެވެ. އޭނާވަނީ ސީރިއާގެ ގައުމީ ޓީމަށްވެސް ކޯޗު ކޮށްދީފައެވެ. އަދި ކުވައިތު، ޔޫއޭއީ އަދި ސައުދީގައި އޭނާ މަސައްކަތް ކުރިއެވެ.
ބަޝަންދުރާ ކިންގްސްގެ ކޯޗު ކަމުގެ މަގާމުން އޮސްކާ ވަކިވީ ހަ އަހަރަށް ފަހުއެވެ. އޮސްކާގެ ހަ އަހަރުގައި އެ ކްލަބުންވަނީ ބަންގްލަދޭޝްގެ ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާފައެވެ. ހަ އަހަރު ތެރޭގައި އޮސްކާގެ އިރުޝާދުގެ ދަށުން ބަޝަންދުރާ ކިންގްސްއިން 11 ތަށި ހޯދިއެވެ.
ބަޝަންދުރާ ކިންގްސްއަށް ދިޔުމުގެ ކުރިން އޮސްކާ ހުރީ ރާއްޖޭގެ ނިއުރޭޑިއަންޓްގައެވެ. ނިއުގައި ހޭދަކުރި އެއް އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ މުބާރާތެއް އޮސްކާ ކާމިޔާބު ކުރިއެވެ.