ރާއްޖޭގައި މިހާރު ކުރިއަށްގެންދާ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ މިއަދުގެ ޕެނަލް ޑިސްކަޝަންގައި މައުލޫމާތު ދެއްވަމުން އެކަން ހާމަކުރެއްއްވީ އެމްއޭސީއެލް ގެ ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދެވެ.
ދުނީޔޭގެ އެންމެ ބޮޑު ސީޕްލޭން އޮފަރޭޝަން އޮންނަނީ ރާއްޖޭގައިކަމަށް ފާހަގަކޮށް ޝަރީފް ވިދާޅުވީ ޕީކް ދުވަސްވަރު ސީޕްލޭންތައް ގާތްގަނޑަކަށް މިނިޓެއްގެ މޫވްމަންޓް ކުރާކަަމަށެވެ. އެހެންކަމުން އެއީ ކޮންމެ ގަޑިއިރަކު 60 މޫވްމަންޓް ކަމަށްވާއިރު 70 މޫވްމަންޓް މައްޗަށް ދާކަމަށްވެސް ޝަރީފް ފާހަގަކުރެއްވި އެވެ.
އެގޮތުން މިއަހަރުގެ ތެރޭގައި އެމްއޭސީއެލްއިން މަސައްކަތް ކުރަނީ ގަޑިއިރައަކު 84 ހަރަކާތަށް މައްޗަށް ގޮސް އިތުރު ސީޕްލެންތަކަށް އުދުހި ފޭބުމަށް ހުއްދަ ދިނުމަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެމްއޭސީއެލްއިން މިހާރު މަސައްކަތްކުރަމުން ދަނީ އެއާޕޯޓް ލައިޓިން އުފައްދާ ފަރާތްތަކާ ގުޅިގެން ފެން ރަންވޭތައް އަލި ކުރުމުގެ މަސައްކަތްކުރުމަށް ކަމަށާއި އޭރުން އިރުއޮށްސި 6 ގެ ފަހުންވެސް ސީޕްލޭންތަަކަށް ދަތުރުކުރެވޭނެކަމަށް ޝަރީފް ވިދާޅުވި އެވެ.
އެމްއޭސިލްގެ މީޑިއާ އޮފިޝަލް ޝައްމާން ޝާކިރު ވަނީ "ސީއެންއެމް" އަށް މިކަމާ ގުޅޭ އިތުރު މައުލޫމާތު ދެއްވާފަ އެވެ.
ޝައްމާން އިތުރަށް ވިދާޅުވީ އެގޮތަށް އިތުރު ރަންވޭއެއް ނޫނިއްޔާ މިހާރު ބޭނުން ކުރާ ވޯޓާ ރަންވޭގައިވެސް ލައިޓް ޖެހި ރޭގަނޑު ބޭނުން ކުރެވޭނެ މަގު ފަހި ވެގެން ދިއުމަކީ ސީޕްލޭން ޓްރާސްޕާތައް އަދި ރިސޯޓްތަކުން އަންނަ ފަތުރުވެރިންނަށް ކޮންވީނިއަންޓް ކަމާ އެކީގައި އެބޭފުޅުންނަށް އެ ކަނެކްޝަންތަކަށް ހުޅުވަލުމަށް މަގުފަހިވެގެންދާނެކަމެއް ކަަމަށެވެ.
މީގެ އިތުރުން ވަރަށް ގިނަ އިންޓަނޭޝަނަލް ޑިޕާޗާސްތައް ރޭގަނޑު އޮންނަކަމަށް ފާހަކޮށް ޝައްމާން ވިދާޅުވީ ވޯޓާ ރަންވޭތަކުގައި ލައިޓް ގާއިމްކުރެވުމުން އެ ފަލައިޓްއެއް ފަތުރުވެރިން އަންނަ ގަޑިއަށް އައުމަށް ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި މިހާރު އޮންނަ ގޮތުން ވެއްޖެއާ ރޭގަނޑު އޮންނަ ޓްރާސްފާތައް ވެސް ތާވަލް ކުރަން ޖެހެނީ މެންދުރު ނުވަތަ ހަވީރަށް ކަމަށާއި އެކަން ގާއިމްވެގެން ގޮސްފިނަމަ ފަތުރުވެރިންނަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަން ގަބޫލުފުޅުކުރައްވާކަމަށް ޝައްމާން ވިދާޅުވި އެވެ.
މިފަހަރުގެ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ހޮސްޓްކުރީ ރާއްޖެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަރާތުންނެވެ. ކޮންގްރެސްގެ ރަސްމީ ހަރަކާތްތައް ކުރުނބާ މޯލްޑިވްސް ރިސޯޓްގައި އިއްޔެ އާއި މިއަދު ކުރިއަށް ދިޔައެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންފަރެސްގެ އިތުރު އިވެންޓްތައް ޝެރެޓަން މޯލްޑިވިސް، އަދި ކޮރޮސް ރޯޑްސްގެ ސައީ ލެގޫންގައި ކުރިއަށް ދާނެއެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ނެޓްވޯކިން ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މިކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ. މި ކޮންގްރެސްއާއި އެކު، ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހި ވެގެން ދާނެކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.