ads
ޗައިނާ ސަދަން އެއާލައިންގެ ބޯޓެއް
ޗައިނާގެ އެކި ޕްރޮވިންސްތަކުން އައްޑޫއަށް ސީދާ ދަތުރުތައް ފަށަނީ
ޗައިނާގެ އެކި ޕްރޮވިންސްތަކުން އައްޑޫ ސިޓީއަށް ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި ސީޕްލޭންގެ ހިދުމަތް ފަށައި ތިން އަތޮޅުގެ ކަނެކްޓިވިޓީ ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެންސީ ހައުސް ގައި މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައިސަލު ވިދާޅުވީ ދާދި ފަހުން އީސްޓަން އެއާލައިންގެ ވައިސް-ޕްރެޒިޑެންޓާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލްވުމުގައި އައްޑޫއަށް ސީދާ ދަތުރުތައް ފެއްޓެވުމަށް އެމަނިކުފާނު އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑު ޔަގީން ކުރަނީ ދާދި އަވަހަށް، މި އަހަރުގެ ތެރޭގައި ޗައިނާގެ އެކި ޕްރޮވިންސްތަކުން އައްޑޫއަށް ޑައިރެކްޓް ފްލައިޓްސް ޖެއްސޭނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، މި ސަރުކާރުގެ ޕްލޭނަކީ އައްޑޫއަށް ޑައިރެކްޓް ފްލައިޓަށް ގެންގޮސް، ސީޕްލޭން މެދުވެރިކޮށް، ކައިރި ގއ. އަތޮޅު، ފުވައްމުލަށް ފަދަ ތަންތަނަށް ފަތުރުވެރިންނަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެކަން އެގޮތަށް ކުރެވިއްޖެނަމަ، ޝަންގްރިއްލާގެ ބޭފުޅުން ވެސް ރިސޯޓު އަވަހަށް ހުޅުވަން ބޭނުންވާނެކަން ފައިސަލް ފާހަގަކުރެއްވި އެވެ.

ކަނެކްޓިވިޓީ ރަނގަޅުވުމުން އައްޑޫގެ ޝަންގްރިއްލާ ހިންގަމުންދާ ފަރާތްތަކުން އަމިއްލައަށްވެސް އެތަނުގެ އޮޕަރޭޝަން ފަށަން ބޭނުންވާނެކަމަށާއި މިހާރުވެސް އެތަން އޮޕަރޭޝަނަށް ގެނައުމަށް މަޝްވަރާތައް ކުރެވެމުންދާކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އައްޑޫގެ ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމަށް ބީއެމްއެލް އާއި އެމްއައިބީއާ ގުޅިގެން ފައިސާ ހަމަޖެއްސުމުގެ މަޝްވަރާތައް ކުރެވެމުންދާކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

އައްޑޫއަށް މިހާތަނަށް ކުރެއްވުނު ކޮންމެ ދަތުރެއްގައި އެންމެ ބޮޑަށް އިވިވަޑައިގެން އެއް ވާހަކަ އަކީ ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތައް ތަރައްގީ ކުރެވޭނެ ގޮތެއް ފަހިކޮށް ދިނުމަށް އެދުނު އެދުންކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމަށް ހާއްސަކޮށް ބީއެމްއެލްއާ އެެމްއައިބީ މެދުވެރިކޮށް އަހަރަކު 100 މިލިއަން ރުފިޔާ ދޫކުރެވޭނެ އިންތިޒާމު ހަމަޖެސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އައްޑޫގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ބޭފުޅުން ވިދާޅުވީ އެ ބޭފުޅުން ބޭނުންވަނީ އެތާނގައި ހުރި ޓޫރިޒަމް ޒޯންތައް، ސިޓީ ކައުންސިލުން ދޫކޮށްފައި ހުރި ބިންތައް ތަރައްގީކުރުމަށް ކަމަށް. އެހެންމެ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ބީއެމްއެލް އާއި އެމްއައިބީ ތްރޫކޮށް އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަހަރަކު އެންމެ މަދުވެގެން 100 މިލިއަން ރުފިޔާ މިއިން ކޮންމެ ބޭންކަކުން އެތަންތަން ޑިވެލޮޕް ކުރުމަށް ފެސިލިޓޭޓްކޮށްދިނުމަށްޓަކައި،" ފައިސަލް ވިދާޅުވި އެވެ.

ޑިސެންބަރު މަހު ރައީސް މުއިއްޒު އައްޑޫއަށް ވަޑަައިގަންނަވަން ބޭނުންފުޅުވާތީ ޝަންގްރިއްލާގެ އޮޕަރޭޝަން މަސައްކަތް އަވަހަށް ފެށޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް