
އަންނަ މަހު މާލޭގައި ބާއްވަން ޝެޑިއުލްކޮށްފައި އޮތް، މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ކެންސަލްކޮށްފައިވާކަން ބެޑްމިންޓަން އޭޝިއާ ވެބްސައިޓްގައިވަނީ މިހާރު އާއްމުކޮށް އިއުލާނުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތް ކެންސަލް ކޮށްފައިވަނީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން އަންގައިގެންނެވެ. އެ މުބާރާތް ބާއްވަން ޝެޑިއުލްކޮށްފައި އޮތީ އަންނަ މަހުގެ 12-18 އަށެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ކެންސަލްކުރިއިރު، ބެޑްމިންޓަން އެސޯސިއޭޝަން އޮތީ ބޮޑު މައްސަލަ ގަނޑެއްގެ ތެރޭގައެވެ. އެ އެސޯސިއޭޝަންގެ އެކްސްކޯގެ މުއްދަތު ހަމަވެފައިވާއިރު، އެސޯސިއޭޝަންގެ ރައީސްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން އަންނަނީ ބަލަމުންނެވެ. އެ މައްސަލައާ ގުޅޭ ބައެއް ކަންކަން ޝަރީއަތާ ހަމައަށްވެސް ދިޔައެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖަކީ ޖުމްލަ، 15000 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭން ލިސްޓުކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް، މި މަހު 16އާ ހަމައަށް މުއްދަތު ހުޅުވާލާފައި އޮތެވެ.