މި ހާދިސާގައި މާ ސީރިއަސް އަނިޔާތަކެއް ނުވެ ޓްރަމްޕް ސަލާމަތްވެވަޑައިގެންނެވި ނަމަވެސް މީހަކު މަރުވެ އިތުރު ދެ މީހަކު ޒަހަމްވި އެވެ.
ބީބީސީން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބަޑިން ހަމަލާދިން މީހާވަނީ ސީކްރެޓް ސަރވިސްގެ ހަމަލާއެއްގައި ހަމަ އެ ވަގުތު މަރުވެފަ އެވެ. ހަމަލާ ދިނީ ޓްރަމްޕްގެ ކެމްޕެއިން ރެލީ އޮތްތަނާ މާ ދުރުނޫން ހިސާބެއްގައި ހުރި ފުރާޅެއްގެ މަތިން ކަމަަށް ރިޕޯޓްތައް ބުނެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ޕެންސިލިވޭނިއާގައި ޓްރަމްޕް ކުރިއަށް ގެންދިޔަ ކެމްޕެއިން ރެލީއެއްގެ ތެރެއިންނެވެ. މިއީ ސީދާ ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާ އެއް ކަމަށް ސީކްރެޓް ސަރވިސްއިން ވަނީ ފަހުން ބުނެފައެވެ.
ރިޕަބްލިކަންގެ ކެންޑިޑޭޓް ޓްރަމްޕްގެ ކެމްޕެއިނުން ވެސް ބުނީ ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި ޓްރަމްޕް ހުންނެވީ ހެޔޮ ހާލުގައި ކަމަށެވެ. އަދި މި އަނިޔާވެރި އަމަލުގެ ވަގުތު ތަންފީޒީ އިދާރާތަކުން މަސައްކަތްކުރި ހަލުވިކަމާއި ފުރިހަމަކަމަށް ޓްރަމްޕް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ރައީސް ޖޯ ބައިޑަން ވިދާޅުވީ ޓްރަމްޕްގެ ހާލަތު ރަނގަޅުކަން އެނގި ވަޑައިގަތުމާ ގުޅިގެން އެކަމާ އުފާކޮށް ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޓްރަމްޕާއި އާއިލާ އަށާއި ރެލީއަށް ދިޔަ މީހުންނަށް ހެޔޮ ދުއާ ކުރާ ކަމަށާއި ސީކްރެޓް ސާވިސްގެ ފަރާތުން ރައްކާތެރިކަން ދެވުނީތީ ޝުކުރުވެރިވާ ކަމަށް ވެސް ރައީސް ބައިޑަން ވިދާޅުވި އެވެ.