މަރުކަޒީ ބޭންކު އެމްއެމްއޭއިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވަނީ ގަވަރުނަރު އަލީ ހާޝިމް އަލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން ގަވަރުނަރު މަޖިލީހުގެ ކޮމެޓީއަށް ހާޒުވެޑައިނުގަންނަވާނެކަމަށް އެމްއެމްއޭގެ ސިޓީގައިވެއެވެ.
ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒަށް ލަދާފޭން މާލިއްޔަތު ކޮމެޓީން ނިންމި ނިންމުން ވަނީ މަޖިލީހުން ބަލައިގެންފައެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށް ވަނީ އެ ކޮމެޓީއަށް އަލުން ފޮނުވާފައެވެ.
ގަވަރުނަރު ޖަވާބުދާރީވުމަށް ކޮމެޓީއަށް ހާޒިރުކުރަން ނިންމީ މިމަހުގެ 2 ވަނަދުވަހުއެވެ. އަދި ގަވަރުނަރު ހާޝިމްގެ އަރިހުން ކަަމަކަށް އެދިގެން އެއްބާރުލުން ނުދެއްވާ އޮތްތޯ ބެލުމަށް ފިނޭންސް މިނިސްޓަރަށް ސިޓީއެއް ފޮނުއްވަންވެސް އެ ކޮމެޓީން އެދުވަހު ވަނީ ފާސްކޮށްފައެވެ.
ހާޝިމް ވަކިކުރަން ކޮމެޓީއަށް ހުށައަޅުއްވީ ރައްޔިތުން މަޖލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ. ނާޒިމް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބެންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުންނަށް ލޯނު ދޫކުރާވަރު ނުސީދާކޮށް ހިފަހައްޓައި ބެންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ބާރު އަޅާކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހެމުންދާމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ހޯމް މިނިސްޓްރީ އާއި ފުލުހުން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލަ ފާހަގަކޮށްފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މީ އެމްއެމްއޭގެ ފަރާތުން މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލު ކުރަންޖެހޭ ނަމަ އެކަން ކުރަން ޖެހޭ ވަގުތުކަމަށެވެ. އަދި އެކަމަށް އެމްއެމްއޭ ހިންގުމަށް "ތާޒާ އާރޯ ލީޑާޝިޕެއް" ބޭނުންވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ