ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން
އެއް މިލިއަން ޑޮލަރު މައްސަލައިގައި ބޭންކަށް ދައުވާއެއް ނުކުރެވޭނެ
ކުރީގެ ރައީސް އަބްދުﷲ ޔާމީން، އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ހޯދަން، ބޭންކް އޮފް މޯލްޑިވްސްއާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުން ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާތީ އޭސީސީއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓެއްގައި ޔާމީންގެ ފަރާތްޕުޅުން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި، ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުން ބުނީ އެ މައްސަލައާ ގުޅިގެން ހައިކޯޓުގައެވެ. މިއީ، އަސްލުގައި އެ ފައިސާ ހޯދުމަށް ޔާމީން ދައުވާ ކުރި މައްސަލައެކެވެ.

އެ ފައިސާ މިހާތަނަށް ވެސް ދޫނުކުރާތީ އެ ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދަން ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި ދައުވާކުރީ ބޭންކާއި އޭސީސީއާ ދެކޮޅަށެވެ. އެހެންވެ، ބޭންކުން އިޖްރާއީ ނުކުތާއެއް ނެގީ އެ ދައުވާ ބޭންކުގެ މައްޗަށް ނުކުރެވޭނެ ކަމަށް ބުނެ އެވެ. ނަމަވެސް އެ މައްސަލާގައި ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން ބޭންކުން ދިޔައީ ހައިކޯޓަށެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބީއެމްއެލްގެ ވަކީލުން ބުނީ އެއްބަސްވުން ހެދީ ޔާމީނާއި އޭސީސީއާ ދެމެދު ކަމަށާއި އެ ބޭންކަކީ އެ ކޮންޓްރެކްޓްގައި ނުހިމެނޭ ބައިވެރިއެއް ކަމަށާއި އެހެންކަމުން ކޮންޓްރެކްޓަކާ ގުޅިގެން ދައުވާ ނުކުރެވޭނެ ކަމަށް ކޯޓުތަކުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަކީ އިޖްރާއީ ނުކުތާއެއް ނެގި ނަމަވެސް އިބްތިދާއީ މަރުހަލާގައި ގޮތެއް ނިންމަން ޖެހޭ ފަދަ ކަމެއް ކަމަށް ވަކީލުން ބުންޏެވެ.

ބޭންކުގެ ވަކީލުން ބުނިގޮތުގައި ކަސްޓަމަރުންގެ އެކައުންޓްގައި ހުންނަ ފައިސާ އެ ފަރާތުގެ ހުއްދަ ނެތި އެހެން މީހަކަށް ދޫ ކުރުމުގެ ހައްގެއް ބޭންކަކަށް ނޯންނާނެ އެވެ. އެހެންވެ، ބޭންކުން އެދުނީ އެ މައްސަލާގައި ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި ދިނުމަށެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް