ads
ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހާފިޒުންގެ "ރަން ތާޖު" ހަފްލާ ގައުމީ ފެންވަރުގެ ބާއްވަނީ
ހާފިޒުންނަށް ކޮންމެ އަހަރަކު ރައީސް ދެއްވާ ހާއްސަ އެވޯޑެއްގެ ގޮތުގައި "ރަން ތާޖު" ހަފްލާ ގައުމީ ފެންވަރުގެ ބާއްވަން ނިންމިކަން ސަރުކާރުން އިއުލާންކޮށްފި އެވެ.

މިކަން އިއުލާން ކުރެއްވީ ކީރިތި ގުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ކީރިތި ގުރްއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ފަރާތްތަކަށް ރަންތާޖާއި، އެކަމުގެ ލިޔުން މިހާތަނަށް ހަވާލުކުރަމުން ދިޔައީ ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރަމަށް ބާއްވާ ރަސްމިއްޔާތުގެ ތެރެއިންނެވެ.

މިނިސްޓަރު ވިދާޅުވީ، ފަހަކަށް އައިސް ދިވެހިރާއްޖޭގައި ކީރިތި ގުރުއާން ހިތުދަސްކުރާ ޒުވާނުންގެ އަދަދު އިތުރުވަމުންދާކަމަށާއި މިރޭގެ މި ހަފްލާގައި އެކަނިވެސް 32 ހާފިޒުންނަށް ރައީސް ތާޖު ދެއްވާނެ ކަމަށެވެ. އަދި، ސަރުކާރުން ގަސްދުކުރަނީ އަންނަ އަހަރުންފެށިގެން ހާފިޒުން ދަސްވެނިވާ ހަފްލާއަކީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ނިންމުމުގެ ހަފްލާއާއި ވަކިން ބޭއްވޭ ގައުމީ ފެންވަރުގެ ބޮޑު ހަފްލާއަކަށް ހަދަން ކަމަށް ވިދާޅުވި އެވެ.

"މިގޮތަށް [މުބާރާތުގެ ތެރެއިން] އެވޯޑު ދޭން ފެށީ އޭރު ކޮންމެ އަހަރަކު ވެސް ގުރުއާން ހިތުދަސްކުރާ ހާފިޒުން މަދުވުމުން. އަހަރަކު އެކެއް ނޫނީ ދެ މީހަކު މި ދަސްކުރަނީ. އެކަމަކު މިހާރު އެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ،" ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިންނެވި ޖަލްސާގައި ޝަހީމް ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝަހީމު ވިދާޅުވީ، ސަރުކާރުން ދަނީ ޒުވާން ޖީލަށް ކީރިތި ގުރުއާން އުނގެނި އަދި އުނގަންނައިދިނުމުގެ މަގު ތަނަވަސްކޮށްދެމުން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން މިކަންކަން ބައްލަވަމުން ގެންދަވާ ކަމަށެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް ބާއްވާތާ 36 އަހަރު ވެގެންދިޔައިރު މި މުބާރާތަކީ އޭގެ ޒާތުގައި މަދަރުސާއެއްކަމަށެވެ. އަދި މިއީ ވަރަށް ގިނަ ހުނަރުވެރި ފަންނުވެރި މޮޅު ދަރިވަރުން، މުދައްރިސުން، އުސްތާޒުން އޭގެ ތެރެއިން ނެރުނު ބޮޑު ހަރަކާތެއްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް