ނަޝީދު މިހެން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ މަންމާފުޅު މުއުމިނާ ހުސައިން ފުޅު އަވަހާރަވަމުން އެކަމުގެ ހިތާމައިގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނާއި އެންމެ ގާތް ބޭފުޅަކީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ މަންމާފުޅުކަމަށެވެ.
ރައީސް ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ މަންމާފުޅު އަވަހާރަވުމުން އެކަމުގެ ހިތާމާގައި ބައިވެރިވާކަން ހާމަކުރައްވާ އެ އާއިލާއަށް ތައުޒިޔާ ރައްދުކުރައްވާފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހްގެ މަންމާފުޅު މުއުމިނާ އަވަހާރަވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދުގެ ވަގުތެއްގަ އެވެ.
އަވަހާރަވީ އިރު އުމުރުފުޅަކީ 80 އަހަރެވެ.
ރައީސް ސާލިހްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒަކީ ވެސް މޫމިނާގެ ދަރިކަލެކެވެ. މީގެއިތުރުން މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އާމިނަތު ސާލިހްއި ކުރީގެ ބައެއް ރައީސުންގެ ޕާސަނަލް ސެކްރެޓްރީކަން ކުރެއްވި ފާތިމަތު ސާލިހަކީ ވެސް މޫމިނާގެ ދަރިކަނބަލުންނެވެ.
ރައީސް ސާލިހްގެ މަންމާފުޅު އަވަހާރަވުމުގެ ފުން ހިތާމައިގައި އެމްޑީޕީއިން ވަނީ އެ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން ރައީސް ސާލިހަށާއި ރައީސް ސާލިހުގެ އާއިލާއަށް ތައުޒިޔާ ފޮނުވައިފަ އެވެ. އަދި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިފަ އެވެ.