ads
ޑެޕިއުޓީ މިނިސްޓަރު މުނައްވަރު
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ ދައުލަތާ ދެކޮޅަށް ކޯޓަށް
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އިބްރާހީމް މުނައްވަރު ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތު ކުރާ މައްސަލަ މީރާއިން ފެންމަތިކޮށްފި އެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު، މުނައްވަރު، މަގާމުގައި ހުންނަވައިގެން، ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވާ މައްސަލަ މީރާއިން ފެންމަތިކުރީ، ހައިކޯޓުގައި މިއަދު އޮތް ޝަރީއަތެއްގަ އެވެ.

ސަރުކާރުގެ ރަސްމީ ގަޑީގައި، ދައުލަތާ ދެކޮޅަށް ޑެޕިއުޓީ މިނިސްޓަރަކު މަތީމަރުހަލާގެ ކޯޓެއްގައި ވަކާލާތު ކުރައްވާ މި މައްސަލައަކީ މިއީ އަމިއްލަ ވިޔަފާރި ކުންފުންޏަކުން، ޓެކްސްއާ ގުޅޭ ކަމެއްގައި ދައުލަތާ ދެކޮޅަށް ދައުވާ ކުރާ މައްސަލައެކެވެ.މި މައްސަލައިގައި ދައުލަތުގެ ވަކީލުންނާ ދެކޮޅަށް ވަކާލާތު ކުރައްވާ ޑެޕިއުޓީ މިނިސްޓަރު މުނައްވަރު ތަމްސީލް ކުރައްވަނީ އަމިއްލަ ވިޔަފާރި ކުންފުންޏެކެވެ.

މި މައްސަލައިގައި މިއަދު ހައިކޯޓުގައި އޮތް ޝަރީއަތުގެ އަޑު އެހުމުގައި، މީރާގެ ވަކީލުން ވަނީ ދައުލަތަށް ދައުވާ ލިބޭ މައްސަލައެއްގައި ދައުލަތުގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވާކަން ޝަރީއަތުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތައް ދެއްކުމާ ގުޅޭ މައި ދައުލަތުގެ އިދާރާ، މީރާއާ ދެކޮޅަށް، ވިޔަފާރިތައް ރަޖިސްޓްރީކޮށް ވިޔަފާރިތައް ރެގިއުލޭޓް ކުރާ ދައުލަތުގެ ރަސްމީ ވުޒާރާ ކަމަށްވާ އިކޮނޮމިކް ޑިވެލްޕޮމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު ވަކާލާތު ކުރަމުންދާކަން ޝަރީއަތުގެ ސަމާލު ކަމަށް ގެނައުމުން، ޝަރީއަތުން އެކަމާ ގުޅޭ ގޮތުން ޑެޕިއުޓީ މިނިސްޓަރާ ސުވާލު ކުރުމުން އެ މައްސަލައިގައި މަސްލަހަތު ފުށޫ އަރާ ފަދަ ކަމެއް ނެތް ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ. އަދި މަސްލަހަތު ފުށުއަރާ ފަދަ ކަމެއް ދިމާވެއްޖެނަމަ މައްސަލައިން ތަނާޒުލްވާނެ ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް