ads
ޝޮކޯ މިޔާޓާ
ދުންފަތުގެ އިސްތިއުމާލު ކުރި ޖަޕާނު އެތްލީޓެއް ސަސްޕެންޑްކޮށްފި
ދުންފަތުގެ އިސްތިއުމާލު ކުރި ކަމަށް ތުހުމަތު ކުރެވުނު ޖަޕާނުގެ އަންހެން އެތްލީޓަކު ސަސްޕެންޑްކޮށްފިއެވެ.

އަންނަ ހަފްތާގައި ޕެރިހުގައި ފެށޭ އޮލިމްޕިކްސްގައި ވާދަކުރާ ޖަޕާނުގެ އާޓިސްޓިކް ޖިމްނާސްޓިކްސްގެ ކެޕްޓަން ޝޮކޯ މިޔާޓާ ސަސްޕެންޑްކޮށްފައިވަނީ އޭނާ ދުންފަތުގެ އިސްތިއުމާލު ކުރި ކަމަށް ކުރެވުނު ތުހުމަތަކާއެކުއެވެ. 

ޖަޕާނުގެ އެތްލީޓުންގެ ކޯޑް އޮފް އެތިކްސްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކޮށްފައިވާ ކަމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ސަސްޕެންޑްކޮށް އަނބުރާ ގައުމަށް ފޮނުވާލަން ނިންމިއިރު އެ ޓީމު މިހާރު ތިބީ ފްރާންސްގައެވެ.

ޖަޕާން ޖިމްނާސްޓިކްސް އެސޯސިއޭޝަން (ޖޭޖީއޭ) އިން މި މައްސަލައިގެ ތަހުގީގެއް ކުރިއަށް ގެންދާނެއެވެ. އެތްލީޓުންގެ އަހްލާގީ މައްސަލަތަކާ ގުޅޭ މި ފަދަ ކަންކަން ޖަޕާނުގައި ނަގަނީ ވަރަށް ސީރިއަސްކޮށެވެ. އަދި އަހްލާގީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅައެވެ.

އުމުރުން 19 އަހަރުގެ ޝޮކޯ މިޔާޓާ، މޮނާކޯގައި ބުދަ ދުވަހު ބޭއްވި އޯޕަން ޓްރެއިނިން ސެޝަންގައިވެސް ބައިވެރިނުވެއެވެ. އޭނާއަކީ 2022 ވަނަ އަހަރު ލިވަޕޫލްގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ބްރޯންޒް މެޑަލް ހޯދި އެތްލީޓެކެވެ.

ޖަޕާނުން އަމާޒު ހިފާފައި ވަނީ 1964 ވަނަ އަހަރުގެ ޓޯކިޔޯ ގޭމްސް އަށް ފަހު އާޓިސްޓިކް ޖިމްނާސްޓިކްސް ޓީމުގެ ފުރަތަމަ މެޑަލް ހޯދުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް