ދޮގާއި މަކަރާއި ހީލަތުގައި އަބަދު އުޅޭނީ ކިހިނެތްތޯ ސުވާލު އުފައްދަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން މީސްމީޑިއާއަށް ޅެމެއް ދޫކޮށްލައިފި އެވެ.
މި ޅެމަކީ ސީދާ ވަކި ކޮން ބޭފުޅަކަށް އިޝާރަތް ކުރައްވައި ހައްދަވައިފައިވާ ޅެމެއް ނަމަވެސް އެއީ ކޮން ބޭފުޅެއް ނުވަތަ ކޮން ބޭފުޅުންތަކެއް އަދި ސާފެއް ނޫނެވެ.
ބެލެވޭ ގޮތުން މިއީ ކުރީގެ ރައީސް ޔާމީން ޢަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަރިހުގައި މިހާރު ތިއްބެވި މަދު ސިޔާސީ ބޭފުޅުންނަށް އަމާޒުކޮށް ހައްދަވައިފައިވާ ޅެމެއްކަމަށް ލަފާކުރެވެ އެވެ.
އެ ޅެމުގެ ފުރަތަމަ ބައިތުގައި ވަނީ ދޮގާއި މަކަރާއި ހީލަތުގައި އަބަދު އުޅޭނީ ކިހިނެތްތޯ ސުވާލު ކުރައްވައިފައެވެ. އަދި ތިމާނޫނީ ދެން ތިބީ މޮޔައިން ކަމުގައި ބަލާނަމަ ދިމާޔަށް އަންނަ ހަމަލާޔަށް ފިލަން ދުވެވޭނީ ކިހިނެތްތޯ ވެސް ސުވާލު ކުރައްވައިފައެވެ.
އަދުރޭ ކުރިން ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެމަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ދަނިކޮށް އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ދިވެހީން ނުކުމެ ސާބިތުކޮށްދީފި ކަމަށެވެ. ނަމަވެސް އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމު ރޫޅާލުމަށް އިތުރަށް ފަތުރާ ދޮގު ޚަބަރުތަކުން، އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ފަލީހަތްތްވުން ނޫން އިތުރުކަމެއް ހާސިލެއްނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
މީގެއިތުރުން ސިޔާސީ ގޮތުން ބައިކިލޯ ހަމަނުވާ މީހުން ނެރެގެން އުޅުނަސް އެއްކަމެއް ނުވާނެ ކަމަށް ވެސް ރައީސް ޔާމީނަށް ރައްދު ދެމުން އަދުރޭ ވިދާޅު ވެފައެވެ.
އަދުރޭގެ ޅެމާ ގުޅޭ ގޮތުން ބައެއް މީހުން ބުނީ ރައްޔިތުން މަޖިލިސް ގެ ރައީސް, ރައީސް މުއިއްޒުއަށް ނިސްބަތްކޮށް ޅެމެއް ހައްދަވައިފި ކަމަށެވެ.
''އަބުދުއްރަހީމުގެ ނަމުގެ ކުރިއަށްވެސްލާންވީ ދޮގު… ޅެންވެސް ފެށިފަ މިއޮތީ ދޮގުން އެއްޗެއް ބުންޏަސް ފުރަތަމަ ފެށޭނީ ދޮގަކުން އަދި ދަރިއަކަށް އެއްޗެއް ހޯދިޔަސް، އަމިއްލައަށް މަގާމެއް ހޯދިޔަސް، ގެއަށް ޓިނުކޮޅެއްވިޔަސް ކޮންމެކަމެއް ހާސިލުކުރަނީ ދޮގުހަދައިގެން'' އެހެން މީހަކު ބުނެފައިވެ އެވެ.
މީގެއިތުރުން އެހެން މީހަކު ބުނީ ''މަތި ބަރު ސަރުކާރެއް ގޮވައިގެން ގައުމު ހިނގަން ތާއަބަދު ކިހިނެއްތަ! އުޅެވޭނީ'' އަދި ''ދަތި ހާލުގައި އުޅޭ ރައްޔިތުންގެ ޓެކްސް ފައިސާ އިން އެ ވެރިންނަށް މުސާރަ ދީގެން އަބަދު ކިހިނެއްތަ! ތިބެވޭނީ'' މިހެންނެވެ.