ރައީސް މިހެން ވިދާޅުވީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން، އިންތިޒާމްކޮށްގެން ބާއްވާ "އަންވެއިލިންގ ވިޜަންސް 2024" މައުރަޒު ބައްލަވައިލެއްވުމަށްފަހު މިރޭ ކުރިއަށްދިޔަ ހަފުލާގައެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އާޓިސްޓުންގެ ހުނަރު ކުރިއެރުވުމަށް ފުރިހަމަ އެއްބާރުލުންދެއްވައި މެނިފެސްޓޯގައިވާ ގޮތަށް ތަންފީޒުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އާޓިސްޓުންގެ ކުރެހުންތައް ވިއްކޭނެ މަގުތައް ތަނަވަސްކޮށްދެއްވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ފާހަގކުރެއްވި އެވެ.
ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށްދިޔަ މި ހަފުލާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުން އާޓިސްޓުންގެ ހުނަރު ތަރައްގީ ކުރުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.
''އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން މި އިންޑަސްޓްރީ އަށް ހަރަދު ކުރުމަށް ގްރާންޓު ގޮތުގައި ދޫކުރުމަށް ކޮންމެ އަހަރަކު 25 މިލިއަން ރުފިޔާ ހަމަޖައްސައި ދޭނަން" ރައީސް ވިދާޅުވި އެވެ.
އަދި އާޓިސްޓުންގެ ހުނަރު ދައްކާލުމަށާއި އެ ހުނަރު ތަރައްގީ ކުރުމަށް ޖާގައިގެ ގޮތުން ތަނަވަސް ވަކި ތަނެއް ހުޅުމާލޭގައި ތަރައްގީ ކުރައްވާނެ ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވެސް މައުރަޒުތައް ބޭއްވޭނެ ގޮތްތައް ތަނަވަސްކޮށްދެއްވާނެ ކަމަށާއި، ބައިނަލްއަގުވާމީ ފޯރަމް ތަކުގައިވެސް އާޓިސްޓުންގެ ހުނަރު ދެއްކުމަށް މިސަރުކާރުން މަގުފަހިކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"އަންވެއިލިންގ ވިޜަންސް 2024" މައުރަޒަށް 200 އަށް ވުރެ ގިނަ ހުށަހެޅުން ފޮނުވާފައިވެ އެވެ.
އޭގެތެރެއިން މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ) އިން ބެއްލެވުމަށްފަހު މި މައުރަޒަށް ހޮވާފައިވަނީ 105 ކުރެހުންތެރިންގެ މަސައްކަތްތަކެވެ.
ނޭޝަނަލް އާޓް ގެލަރީގައި މި މަހުގެ 9 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މައުރަޒުގައި ރާއްޖޭގެ މަޝްހޫރު ބައެއް ކުރެހުންތެރިންގެ އިތުރުން އަލަށް މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެފައިވާއިރު, ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ މި މައުރަޒު ބާއްވާތާ މިއީ 7 ވަނަ އަހަރެވެ.
މިރޭގެ ހަފުލާގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ "ކެޓަލޮގް" އެއް ވެދުމަށް އަރުވާފައެވެ.
މި ހަފުލާގައި އެމަނިކުފާނު ވަނީ "އަންވެއިލިންގ ވިޜަންސް 2024" އަށް ޒިޔާރަތްކުރައްވައި ބޭފުޅުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.